ވިޔަފާރި

ދުނިޔެ ހައިރާންކޮށްލި ވާވޭ ފަހުގެ ފޯނު ދިވެހިންގެ އަތަށްލައިދީފި

ދުނިޔެ އަަޖައިބުކޮށްލި، ވާވޭ ޕީ30 ޕްރޯ ފޯނު ދިވެހިންގެ އަތަށް މެކްސްކޮމް ޓެކްނޮލޮޖީސްއިން ރޭ ގެނެސްދީފި އެވެ.

ވާވޭ އުފެއްދުންތަކުގެ ރާއްޖޭ ޑިސްރިބިއުޓަރު މެކްސްކޮމް ޓެކްނޮލޮޖީސްގެ ފަރީދީމަގު ޝޯރޫމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާވޭ ޕީ 30 އަދި ޕީ30 ޕްރޯ ފޯނު ބާޒާރަށް ނެރެ ދެއްވީ އަވަސްގެ އެޑިޓަރު މުންޑޫ އާދަމް ހަލީމާއި އާއި މިހާރު ނޫހުގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫނާއި ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ކަމާލުންދީންގެ އިތުރުން މެކްސްކޮމް ކުންފުނީގެ އެމްޑީ މުހައްމަދު ފަޒީލެވެ.

އިވެންޓްތައް އޯގަނައިޒް ކުރުމާއި ޕީއާރް ފާމެއްގެ ގޮތުގައި ހިންގާ "ކޮމާކޯޅި" ން އިންތިޒާމު ކުރި މި އިވެންޓުގައި ހަބޭސް ބޮޑުބެރެ ގްރޫޕުގެ ފޯރިގަދަ ހުށަހެޅުންތައް ވެސް ރޭ އޮތެވެ. އަދި އިވެންޓު ކުރިއަށް ދިޔައިރު ކޮންމެ 15 މިނެޓަކުން ލަކީޑްރޯއެއް ނަގައި އަގު ބޮޑު އިނާމުތައް ވެސް ދީފައި ވެއެވެ.

މި ފޯނު މެކްސްކޮމް އިން ވަނީ ދުރާލާ އޯޑަރު ދޭ އުސޫލުން ވެސް ވިއްކާފަ އެވެ. މިގޮތުން އެ ކުންފުނިން ހުޅުވާލި މި ފުރުސަތުގައި ސްޓޮކް ހުސްވަންދެން ވާވޭގެ ހާއްސަ ގަޑިއެއް ވެސް ދީފައި ވެއެވެ. މެކްސްކޮމް އިން ވިއްކާ ފޯނަށް އެއް އަހަރުގެ ވޮރެންޓީ ވެސް ދެއެވެ.

މެކްސްކޮމް އިން ވާވޭ ޕީ30 ޕްރޯ ފޯނެއް ވިއްކަނީ 14.900ރ. އަށެވެ. މި ފޯނު އެމްއެފްއެލްސީ އާއި ބީއެމްއެލް އަދި އިސްލާމިކް ބޭންކުގެ ސްކީމްތައް މެދުވެރިކޮށް ވެސް ހޯދެ އެވެ.

މެކްސްކޮމް އިން ނެރުނު ވާވޭ ޕީ30 ޕްރޯ، ދުނިޔެ ހައިރާންކޮށްލާފައިވާ ކަމަށް މީޑިއާއިން ސިފަ ކުރަނީ އެ ފޯނުގައި ހިމެނޭ ހާއްސަ ސިފަތަކުގެ ސަބަބުންނެވެ. ވަކީން ހާއްސަކޮށް މި ފޯނު މަޝްހޫރުވެފައި ވަނީ ފޯނެއްގައި މިހާތަނަށް ހިމެނި އެންމެ ވަރުގަދަ ކެމެރާ އިންނަ ފޯނުގެ ގޮތުގަ އެވެ. ވާވޭ "ޕީ30" ފޯނު ހާއްސަ ކަމަކީ މި ފޯނުން ނަގާ ފޮޓޯ 50 ގުނަ އަށް ޒޫމް ކޮށްލި ނަމަވެސް ފޮޓޯ ފަޅައިގެން ނުދިއުމާއި ވީޑިއޯ ރޫޅިގެން ނުދިއުމެވެ.

މި ފޯނަކީ ސެލްފީ ނަގަން ވެސް ހާއްސަ ފޯނެއްގެ ގޮތުގައި ވަނީ މަގުބޫލުވެފަ އެވެ. ސަބަބަކީ ފޯނުގެ ކެމެރާތަކުގެ ބާރު ގަދަވުމެވެ. މި ފޯނުގެ ސެލްފީ ކެމެރާގައި 32 މެގަ ޕިކްސްއެލް ހުރެ އެވެ. ސެލްފީ ކެމެރާ އިން ވެސް އިން އެންމެ ފުރިހަމަކޮށް އެޗްޑީ ކޮލިޓީގައި އަނދިރީގައި ފޮޓޯ ނަގާލެވެ އެވެ.