ދުނިޔެ

ގައުމުތައް އޮތީ ސުދާން މިލިޓަރީ ކައުންސިލާއެކު

ސުދާންގެ އަސްކަރީ މައި މަރުކަޒު ކުރިމަތީ ކުރާ މުޒާހަރާތަކުގެ ބައިވެރިން މަދަނީ ސަރުކާރެއް ގާއިމް ކުރަން ގޮވާލަމުން ދިޔަ ނަމަވެސް ޚަރްތޫމްގެ އެކުވެރި ގައުމުތަކުން މިހާރު ބާރުގައި ތިބި މިލިޓަރީ ކައުންސިލާއެކީ ތިބި ކަމަށް ސުދާންގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފި އެވެ.

ސުދާންގެ ވެރިކަން އޭޕްރީލް 11 ވަނަ ދުވަހު ވައްޓާލުމަށް ފަހު މިހާތަނަށް މަދަނީ ސަރުކާރެއް ގާއިމް ކުރަން އިދިކޮޅު ފަރާތްތަކާއެކު ކުރި އެއްވެސް މަޝްވަރާއެއްގައި ހައްލެއް ހޯދިފައެއް ނުވެއެވެ. އަދި ހަފުތާތަކެއް ވެގެން ދިޔައިރު ވެސް 10 މެމްބަރުންގެ ކައުންސިލާއި މުޒާހަރާކުރާ މީހުންގެ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެ އެވެ.

ސުދާންގެ ސިޔާސީ މަސްރަހާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން ސުދާންގެ ރައްޔިތުން ބާރުވެރި ކުރަން ގޮވާލަމުން ދިޔަ ނަމަވެސް ސުދާންގެ އެކުވެރި އަރަބި ގައުމުތަކުން ބުރަވަނީ އަސްކަރިއްޔާގެ ބާރު އޮތުމަށެވެ.

"މިސްރާއި ގަލްފުގެ އަރަބި ގައުމުތަކުން ސުދާންގެ މިލިޓަރީ ކައުންސިލާއި އެއްކޮޅަށް ތިބި ކަމުގެ ސާފު ހެކިތައް ފެންނަން އެބަހުރި. އޭގެ ސަބަބުން ކައުންސިލަށް އިތުރު ބާރެއް ލިބިގެންދޭ،" ސުދާން މަސްރަހު ދިރާސާ ކުރައްވާ ފަރާތެއް ކަމަށްވާ ހާވާޑް ޔުނިވާސިޓީގެ އެރިކް ރީވްސް ވިދާޅުވި އެވެ.

ރައީސް ބަޝީރުގެ ވެރިކަން ވައްޓާލި ފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭ ސައުދީ އަރަބިއްޔާ އާއި ޔުނައިޓަޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން ސުދާންގައި ހަމަޖެހުން ގާއިމް ކުރުމަށް ގޮވާލާ އެ ކައުންސިލަށް އެހީތެރިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެއަށް ފަހު އިގްތިސޯދީ އަނދަވަޅެއްގެ ތެރޭގައި އޮތް ސުދާންއަށް ސަރަހައްދީ ބޮޑު ދެ ބާރުން ތިން ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނެވެ.

އެފްރިކަން ޔޫނިއަންގެ އެންމެ އިސް ގައުމު މިސްރުގެ ސިޔާސީ ނުފޫޒުން ސުދާންގައި އާ ސަރުކާރެއް ގާއިމް ކުރަން ކަނޑައަޅާ ވަގުތު އިތުރު ކުރަމުންދާއިރު ހަމައެކަނި އެކަމުން ވެސް ސުދާންގެ މިލިޓަރީ ކައުންސިލަށް ބާރުތަކެއް ހޯދައި ދިނުމަށް އެ ގައުމުތަކުން ބޭނުންވާ މިންވަރު ދޭހަވާ ކަމަށް ސުދާންގެ ހަފުތާ ނޫސް އެލާފްގެ ޗީފް އެޑިޓަރު ޚާލިދު ތިޖާނީ ވިދާޅުވި އެވެ.