ދުނިޔެ

އިރާންގެ ނިއުކްލިއާ އެއްބަސްވުމާ ހެދި ރިޕަޕްލިކަނުންނާއި އިޒްރޭލު ރުޅިގަދަވެއްޖެ

Jul 15, 2015

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާއި ދުނިޔޭގެ ބާރުތަކާ ދެމެދު އިއްޔެ އެކުލަވާލި އެއްބަސްވުމަށް އިޒްރޭލާއި އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ގިނަ އިސް ބޭފުޅުންތަކެއް ފާޑުކިޔުއްވައިފި އެވެ.

އީރާނުން ހިންގާ ނިއުކްލިއާ މަސައްކަތްތައް ވަކި މިންވަރެއްގައި ބަހަައްޓާ މަތިން ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭ ގޮތަށް އިއްޔެ ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ. ގިނަ ދުވަސްތަކެއްގެ މަޝްވަރާތަކަކަށް ފަހު އެކުލަވާލި އެއްބަސްވުމާ ގުޅޭ ގޮތުން ބަހެއް ބުނުމަށް އެމެރިކާގެ ކޮންގްރެސް އަށް 60 ދުވަހުގެ މުއްދަތު ލިބޭނެ އެވެ. އެކަމަކު، އެ އެއްބަސްވުން އުވާލުމުގެ ބާރެއް ކޮންގްރެސް އަކަށް ނޯންނާނެ އެވެ.

އެހެން ނަމަވެސް، ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ޖޯން ބޮއެނާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އީރާނުން ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ. އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފި ނަމަ މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމެއް ފެށިގެން ހިނގައިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.

"މި އެއްބަސްވުމުގެ ސަބަބުން އީރާނުގެ ނިއުކްލިއާ ގާބިލްކަން ހުއްޓުވޭނެ ގޮތެއް ނެތް،" ބޮއެނާ ވިދާޅުވި އެވެ.

ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން ވެސް އިއުލާންކުރައްވާފައިވާ ރިޕަބްލިކަން ސެނެޓަރު ލިންޑްްސްލީ ގްރަހަމް ވެސް ވިދާޅުވީ އިރާނާ އެކު ހަދާފައިވަނީ "ގެއްލުން ބޮޑު" އެއްބަސްވުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ނިއުކްލިއާ މައްސަލަ އަށް ހައްލެއް ލިބުމުގެ ބަދަލުގައި އެ މައްސަލަ ވާނީ އިތުރަށް ގޯސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޕަބްލިކަން ޕާޓީގެ ބޭފުޅުުުންގެ އިތުރުން، އިޒްރޭލުން ވެސް ވަނީ އެ އެއްބަސްވުމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެ ގޮތުން، ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވިދާޅުވީ އެއީ "ތާރީހުގައި ވެސް ހެދި ބޮޑު ގޯހެއް" ކަމަށާއި އެކަމުގެ ސަބަބުން "އީރާނުން މެދުއިރުމައްޗާއި މުޅި ދުނިޔޭގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް ފުޅާކުރަން ބިލިއަނުން ޑޮލަރު ލިބުން" ނަތީޖާއެއް ނުނުކުންނާމެ ކަމަށެވެ.

"މި އެއްބަސްވުމަށް އިޒްރޭލުން އަމަލުކުރަން ޖެހޭ ކަމަކަށް ނުދެކެން. އަހަރުމެންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް ހޯދާނަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ނިއުކްލިއާ ހަތިޔާރެއް އުފެއްދުމުގެ ދޮރު އެ އެއްބަސްވުމުގެ ދަށުން އީރާނަށް އެކީ އެކަށް ބަންދުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން "ކުރިއަށް ވުރެ ރައްކާތެރި ތަަނަކަށް" ދުނިޔެ ވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"މި އެއްބަސްވުން ބިނާވެފައިވަނީ އިތުބާރުގެ މައްޗަކަށް ނޫން. އޭގެ ބަދަލުގައި [އީރާނުން ޝަރުތުތަކަށް] ބޯލަނބާތޯ ޔަގީންކުރާނެ އުސޫލުތަކުގެ މައްޗަށް،" ޓީވީ މެދުވެެރިކުރައްވައި އޮބާމާ ދެއްވި މެސެޖެއްގައި ވިދާޅުވި އެވެ.

އީރާންގެ ރައީސް ހަަސަން ރޫހާނީ ވެސް ވިދާޅުވީ އެއީ "ތާރީހީ" އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން އީރާނާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ގުޅުމުގައި އާ ބާބެއް ފެށިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އީރާންގެ ނިއުކްލިއާ މަަސައްކަތްތައް، 12 އަހަރަށް ފަހު ބައިނަލްއަގުވާމީ މުޖުތަމައުން މިވަނީ ބަލައިގަނެފައި،" ރޫހާނީ ވިދާޅުވި އެވެ.

އީރާނާއި އެ ގައުމާ އެކު މަޝްވަރާކުރި އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާ އިން އެކުލަވާލި އެއްބަސްވުމުގެ ދަށުން އީރާންގެ ނިއުކްލިއާ މަރުކަޒުތަކުގައި ހުރި ތިންބައިކުޅަ ދެބައިގެ ސެންޓްރިފުޖް ނަގައި ބޭރުގެ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ބަހައްޓަންޖެހެ އެވެ. އަދި މިހާރު ފައްކާކޮށްފައި ހުރި ޔުރޭނިއަމްގެ 98 އިންސައްތަ ނައްތާލަން ޖެހެ އެވެ. މީގެ އިތުރުން، ބޭރުގެ އިންސްޕެކްޓަރުން ނިއުކްލިއާ މަރުކަޒުތަކަށް ބޭނުން އިރަކު، ބޭނުން މިންވަރަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ދޭންޖެހެ އެވެ.

އެ ޝަރުތުތައް ފުރިހަމަކޮށްފި ނަމަ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަަަޅުތައް ފިޔަވަހިތަކަކަށް ބަހާލައިގެން އުވާލާނެ އެވެ. އެކަމަކު އެއްބަސްވުމާ ހިލާފު ވާތާ 65 ދުވަހުގެ ތެރޭގައި ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އޮޓަމެޓިކުން އާ ވާނެ އެވެ. މީގެ އިތުރުން، ހަތިޔާރު އެތެރެ ނުކުރެވޭ ގޮތަށް އޮތް އޮތުން ފަސް އަހަރުވަންދެން ދެމި އޮންނާނެ އެވެ. އަދި މިސައިލް އުފެއްދުން މަނާކޮށްފައި އޮތް އޮތުން ވެސް އަށް އަހަރުދުވަހަށް ދިގު ދެމިގެންދާނެ އެވެ.