ހަބަރު

ނެތީ ހިކުމަތްތެރިކަމާއެކު މަސައްކަތްކުރާނެ ބައެއް: ފައިސަލް

ދިވެހީންގެ ތެރޭގައި ކިޔަވައިގެން، ތިބި މީހުން ގިނަ ނަމަވެސް ނެތިގެން މިއުޅެނީ ލިބިފައިވާ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަތްކުރާނެ ގާބިލު ބައެއްކަމުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ސައިރިކްސް ކޮލެޖުގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ، ދަސްވެނީންނަށް ލިބުނު ފިލާވަޅުތަކާ އެއްވަރަށް ބުއްދީގެ ވިސްނުން ތަރައްގީކުރުމަށާއި، ދަސްވެނީންނަށް ލިބުނު އިލްމާއި ހުނަރުގެ ބޭނުން ގައުމަށް އެންމެ ފައިދާހުރި ގޮތުގައި ހިފުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ދިވެހީންގެ ތެރޭގައި ކިޔަވައިގެން، ތިބި މީހުން ގިނަ ނަމަވެސް، މިއަދު އިތުރަށް ބޭނުންވެގެން މިއުޅެނީ ލިބިފައިވާ ތައުލީމާ އެއްވަރަށް ރިވެތި އަހުލާގާއި، އިންސާނިއްޔަތުކަން ހުރި މީހުންކަމަށާއި، ނެތިގެން މިއުޅެނީ ލިބިފައިވާ އިލްމާ އެއްވަރަށް ހިކުމަތްތެރިކަމާއެކު މަސައްކަތްކުރާނެ ގާބިލު ބައެއްކަމުގައި ނައިބް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ދަސްވެނިވި ދަރިވަރުން ގައުމުގައި ހިންގާ ކަންކަމާ ދޭތެރޭ ވިސްނާ ބަޔަކަށް ވުމަށާއި، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރެއްވުމަށް ފައިސަލް ވަނީ ގޮވާލައްވާފަ އެވެ. އަދި ގައުމަކަށް އެންމެ މުހިންމު ވާނީ ތައުލީމީ ޖީލެއް އުފެދިގެން ދިޔުންކަމަށާއި، އަދުގެ ސަރުކާރުން ރާއްޖޭގައި ތައުލީމީ ގާބިލް ޖީލެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ނައިބް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މީގެ އިތުރުން، ސައިރިކްސް ކޮލެޖަކީ، ދިވެހި ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ވަރަށް މުހިންމު މަރުކަޒެއްކަމަށާއި، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި 23,000 އަށްވުރެ ގިނަ ދަރިވަރުން ސައިރިކްސް ކޮލެޖުގެ ހިޔާގެދަށުން ދަސްވެނިވެގެން ދިއުމަކީ ފާހަގަކުރަން ޖެހޭ ކަމެއްކަމުގައި ނައިބް ރައީސް ވަނީ ވިދާޅުވެފަ އެވެ.