ދުނިޔެ

މިހިރީ ރާޖަޕަކްސައަށް ބޮޑު ވަޒީރުކަން ދޭކަށް ނޫން: ސިރިސޭނަ

Jul 15, 2015

ސްރީ ލަންކާގެ އާއްމު އިންތިހާބުގައި ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަށް ދީފައި ވިޔަސް، ބޮޑުވަޒީރު ކަމުގެ މަގާމު ހަވާލެއް ނުކުރައްވާނެ ކަމަށް ރައީސް މައިތިރިޕަލާ ސިރިސޭނާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔޫޕީއެފްއޭ ކޯލިޝަންގެ އިތުރުން އެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ވެސް ޗެއާމަނަކީ ސިރިސޭނާ އެވެ. ރާޖަޕަކްސަ އަކީ ވެސް އެސްއެލްއެފްޕީގެ މެމްބަރެކެވެ.

ގާނޫނު ހަދާ މަޖިލީހުގައި ޔޫޕީއެފްއޭގެ ލީޑަރުކަން ނުވަތަ އެ ކޯލިޝަންގެ ފަރާތުން ބޮޑުވަޒީރުގެ މަގާމަށް ވާދަކުރެއްވުމުގެ ފުރުސަތު ރާޖަޕަކްސަ އަށް ނުދެއްވަން ސިރިސޭނާ ކުރިން އޮތީ ނިންމަވާފަ އެވެ. އެކަމަކު، ފަހުން ވަނީ އެ ނިންމެވުން ބަދަލުކުރައްވާފަ އެވެ.

ސިރިސޭނާ އިއްޔެ ވިދާޅުވީ ރާޖަޕަކްސަ އިންތިހާބުގައި ވާދަކުރެއްވުމާ މެދު އަދިވެސް ދެކޮޅު ކަމަށެވެ. ރާޖަޕަކްސަ އަށް ޓިކެޓް ދޭން ނިންމެވީ ޔޫޕީއެފްއޭ ކޯލިޝަން ރޫޅިދާނެތީ ކަމަށާއި އެހެން ނަމަވެސް ރާޖަޕަކްސަ މަޖިލީހަށް ހޮވިވަޑައިގަތަސް، ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަން ނުކުރެވޭނެ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.

"އެސްއެލްއެފްޕީ ވެރިކަމަށް އަތުވެއްޖެ ނަމަ، ރާޖަޕަކްސަ ނޫނަސް ބޮޑުވަޒީރުކަން ދޭނެ ބައިވަރު ގާބިލް ބޭފުޅުން އެބަތިއްބެވި،" ސިިރިސޭނާ ވިދާޅުވި އެވެ.

ޔޫޕީއެފްއޭ ކޯލިޝަނާއި އެސްއެލްއެފްޕީގެ ވެރިޔަކަށް ރައީސް ސިރިސޭނާ މިހާރު ހުންނެވިޔަސް، މިދިޔަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރެއްވީ އެ ކޯލިޝަނާއި ޕާޓީ އަކުން ނޫނެވެ. އެއީ އޭރު އެ ކޯލިޝަނާއި ޕާޓީ ލީޑުކުރައްވަމުން ގެންދެވީ އަދި އިންތިހާބުގަައި އެ ކޯލިޝަނާއި ޕާޓީގެ ފަރާތުން ވާދަކުރެއްވީ އޭރު ރައީސަކަށް ހުންނެވި ރާޖަޕަކްސަ ކަމަށް ވާތީ އެވެ. އެހެންވެ، ސިރިސޭނާ ވެރިކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ މިހާރުގެ ބޮޑުވަޒީރު އަދި އޭރުގެ އިދިކޮޅު ލީޑަރު ރަނިލް ވިކްރަމަސިންހް ލީޑުކުރައްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ންނެވެ.

ރާޖަޕަކްސަ އަށް ޓިކެޓް ދެއްވަން ސިރިސޭނާ ނިންމެވުމާ އެކު، ޔޫއެންޕީން ވަނީ ފާޑުކިޔާފަ އެވެ. އަދި ރިޔާސީ ވައުދާ އެއްގޮތަށް ރާޖަޕަކްސަގެ ހުދުމުހުތާރުކަމާއި ކޮރަޕްޝަން ނައްތާލަން ސިރިސޭނާ މަސައްކަތް ނުކުރައްވާ ނަމަ އެ މަނިކުފާނަށް އެއްބާރުލުން ދިނުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ

މިދިޔަ ޖެނުއަރީ 8 ގައި ބޭއްވި އަވަސް ރިޔާސީ އިންތިހާބުގައި ސިރިސޭނާއާ ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަށް ފަހު ރާޖަޕަކްސަ ވަނީ ދުވަސްކޮޅަކަށް ސިޔާސީ މައިދާނާ ދުރަށް ވަޑައިގެންފަ އެވެ. އެހެން ނަމަވެސް، މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެ މަނިކުފާނު ވަނީ ސިޔާސީ އެއްވުންތައް ބާއްވަވަން ފައްޓަވާފަ އެވެ. އަދި އޮގަސްޓް މަހު ބާއްވާ އާއްމު އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވައި ކަމާ ބެހޭ ލިއެކިއުންތައް ވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާފަ އެވެ.

ރާޖަޕަކްސަ އެ އިންތިހާބުގައި ވާދަކުރެއްވުމާ ދެކޮޅަށް އެ މަނިކުފާނުގެ ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.

ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އާ ސަރުކާރުން ލަންކާ އަށް ގެންނަން އުޅޭ ސިޔާސީ އިސްލާހީ ބަދަލުތަކަށް އޭގެ ސަބަބުން ހުރަސް އެޅޭނެ ކަމަށާއި މިދިޔަ ދުވަސްތަކުގައި ވެސް ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން އެކަން ފެނިފައިވާ ކަމަށެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންގެ ޝަކުވާ އަކީ ލަންކާގެ ދާހިލީ ހަނގުރާމައިގެ ފަހުކޮޅު ހިންގާފައިވާ ކަމަށް ބުނާ ލާއިންސާނީ އަމަލުތަކެވެ. އޭރު ވެރިކަމުގައި ހުންނެވީ ރާޖަޕަކްސަ އެވެ

އަވަސް އާއްމު އިންތިހާބަކަށް މަގުފަހި ކުރުމަށް، ރައީސް ސިރިސޭނާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް ވަނީ އުވާލައްވާފަ އެވެ. އަދި އަވަސް އިންތިހާބު އޮގަސްޓް 17 ގައި ބާއްވަން ވަނީ ނިންމާފަ އެވެ.