ހަބަރު

އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް ރާއްޖެ އިން ހޫނު މަރުހަބާއެއް

Jul 15, 2015
1

ދިގުދެމިގެން ދިޔަ އީރާނުގެ ނިއުކްލިއާ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެމެރިކާ އިސްނަގައިގެން ކުރިއަށް ގެންދިޔަ ސިލްސިލާ ވާހަކަތައް އެންމެފަހުން ކާމިޔާބުކޮށް އީރާނާއި ދުނިޔޭގެ ބާރުތަކާ ދެމެދު އެއްބަސްވުމެއް ގާއިމުކުރުން އެކަން ފާހަގަކޮށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޚާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ދުންޔާ ވިދާޅުވެފައި ވަނީ އީރާނުގެ ނިއުކްލިއާ މައްސަލަ އަށް ސުލްހަވެރި ހައްލެއް އެންމެފަހުން ހޯދިގެން ދިއުމަކީ އެ ސަރަހައްދުގެ ގައުމުތަކުގެ ގުޅުމަށާއި ސުލްހަޔަށް ދެވުނު ހިތްވަރެއް ކަމަށެވެ.

"ރާއްޖެ އަކީ އަބަދުވެސް ގައުމުތައް ގުޅިގެން އެއްބައިވަންތަ ކަމުގައި ތިބުމަށް އަދި ނިއުކްލިއާ ހަތިޔާރުގެ މި ކަޅު ސަފުހާތައް ނައްތާލުމަށް ތާއީދުކުރާ ގައުމެއް،" ބަޔާނުގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެމެރިކާ އާއި ޕީ5 ޕްލަސް ވަން ގްރޫޕްގެ ގޮތުގައި އޮތް އިނގިރޭސި ވިލާތާއި ފްރާންސް އަދި ޗައިނާ އާއި ރަޝިއާގެ އިތުރުން ޖަރުމަނުގެ މަންދޫބުން ގުޅިގެން އީރާނާ އެކު ފާއިތުވި 20 މަސް ދުވަހު ކުރިއަށް ގެންދިޔަ ސިލްސިލާ މަޝްވަރާތަކަށް ފަހު އެއްބަސްވުމެއް ގާއިމުކޮށްފައި ވަނީ އިއްޔެ އެވެ.

މި އެއްބަސްވުމުގެ ދަށުން، ޔުރޭނިއަމް އުފެއްދުން އީރާނުން އާދައިގެ މިންވަރަކަށް ދަށްކުރާނެ އެވެ. އަދި މަދަނީ ބޭނުންތަކަށް ހާއްސަވާ ފެންވަރަށް އެމީހުންގެ ނިއުކްލިއާ އިންޖީނު ގެތައް ތިރިކުރާއިރު ނިއުކްލިއާ މައްސަލާގައި އީރާނާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ އެވެ.

މި މައްސަލަ އަށް އެންމެފަހުން ދެ ފަރާތުން އެއްބަސްވާ ވަރުގެ ހައްލެއް ހޯދިފައިވާއިރު އީރާނުން އަބަދުވެސް ބުނަމުން ދިޔައީ އެމީހުންގެ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި މަދަނީ ބޭނުންތަކަށް ހިންގާ މަޝްރޫއުތަކެއް ކަމަށެވެ. ނަމަވެސް އެމެރިކާ އާއި އިޒްރޭލުން ތުހުމަތުކުރާ ގޮތުން އީރާނުގެ އެދުމަކީ ނިއުކްލިއާ ހަތިޔާރެވެ.