ހަބަރު

ސަރުކާރުގެ 55 ޕަސެންޓް މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 40 މިލިއަން ރުފިޔާ ބަހަނީ

Jul 15, 2015
3

ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސިވިލްސާވަންޓުންގެ 55 ޕަސެންޓް މުވައްޒަފުންނަށް މިފަހަރު 40 މިލިޔަން ރުފިޔާ ބޯނަސް ގޮތުގައި ދޭން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ނިންމައިފި އެވެ.

ސިވިލްސާވެންޓުންނަށް ބޯނަސް ދޭން ފެށީ މިދިޔަ އަހަރު އެވެ.  

މިއަދު ސީއެސްސީ ގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު މުސްތަފާ ލުތުފީ ވިދާޅުވީ މިއަހަރު މި ދޭ ބޯނަސް އަކީ މިދިޔަ އަހަރު މުވައްޒަފުން ކުރި މަސައްކަތް ވަރަށް ރަނގަޅަށް ބެލުމަށް ފަހު، އެކަމަށް ޝަރުތު ހަމަވާ މުވައްޒަފުންނަށް ދޭ ފައިސާ ކަމަށެވެ. އެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދުމުން ހާއްސަ ބަޖެޓުން 40 މިލިޔަން ރުފިޔާ މިހާރު ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ބޯނަސް ފައިސާ ދޫކުރާނީ އަންނަ މަހުގެ މުސާރަޔާ އެކުގައި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

އިތުރު މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސީނިއާ އެޗް އާރް އޮފިސަރު މުހައްމަދު ރިޒާ ވިދާޅުވީ މިބޯނަސް ދިނުމުގެ މަގުސަދަކީ ސިވިލް ސާވިސް މުވައްޒަފުންގެ ފެންވަރު މަތިކޮށް އެމީހުންނަށް ހިއްވަރުދިނުން ކަމަށެވެ. ރިޒާ ވިދާޅުވި ގޮތުގައި ބޯނަސް ދިނުމުގެ ގޮތުން މުޅި އަހަރުގެ ތެރޭގައި ކޮންމެ މުވައްޒިފެއްގެ މަސައްކަތް ވަނީ ވަރަށް ރަނގަޅަށް ބަލައި ސްޕަވައިޒް ކޮށްފަ އެވެ.

އޭނާ ވިދާޅުވީ ސިވިލްސާވިސްގައި ތިބި ޖުމްލަ 25076 މުވައްޒަފުންގެ ތެރެއިން 55 ޕަސެންޓް މުވައްޒިފުންނަށް ބޯނަސް ލިބޭ ކަމަށެވެ. ރިޒާ ވިދާޅުވި ގޮތުގައި މިއީ މިދިޔަ އަހަރަށް ވުރެ، ތިން ޕަސެންޓް އިތުރު އަދަދެކެވެ.

ބޯނަސް ލިބޭ މުވައްޒިފުން ބަލާލާފައި ވަނީ ތިން ކެޓަގަރީ އަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. ރިޒާ ވިދާޅުވި ގޮތުގައި ފުރަތަމަ ކެޓަގަރީގައި ބޯނަސް ގޮތުގަ ލިބޭ މުވައްޒަފުންނަށް އަސާސީ މުސާރައެއްކޮށް ލިބޭނެ އެވެ. ދެވަނަ ކެޓަގަރީ މުވައްޒިފުންނަށް މުސާރައިގެ ތިންބައި ކުޅަ ދެބައި ލިބޭ އިރު ތިން ވަނަ ކެޓަގަރީގެ ލިބޭނީ މުސާރައިގެ ތިން ބައިކުޅަ އެއްބަ އެވެ.

"އަޅުގަނޑުމެން ބޯނަސް މިދޭނީ ވީހާވެސް އިންސާފުވެރި ގޮތަކަށް ބޯނަސް ހައްގުވާ ހުރިހާ މުވައްޒަފުންނަށް،" ރިޒާ ވިދާޅުވި އެވެ.

ބޯނަސް ބެހި ގޮތާ މެދު ހިތްހަމަ ނުޖެހޭ ނަމަ، ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. ރިޒާ ވިދާޅުވީ ބޯސް ބެހި ގޮތާ މެދު ހިތްހަމަ ނުޖެހި ޝަކުވާއެއް އޮތް ނަމަ، އެއް މަސްދުވަހުގެ ތެރޭގައި ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ ކަމަށެވެ.