ހަބަރު

މައްސަލަތައް ދިމާވަނީ އިންސާފު އިސް ނުކުރުމުން: ފައިސަލް

މުޖުތަމައުގައި ހުންނަ ގިނަ މައްސަލަތަކަކީ އަދުލު އިންސާފު އިސް ނުކުރުމުގެ ސަބަބުން ދިމާވާ ކަންކަން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ވަޒީފާއާބެހޭ ޓްރަބިއުނަލްގެ 10 ވަނަ އަހަރީ ދުވަހުގެ ހަފުލާގައި ރޭ ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ، އާންމު ދިރިއުޅުމުގައާއި، ހާއްސަކޮށް ވަޒީފާގެ މާހައުލުގައި، އެކަކުގެ ހައްގު އޮންނަކަން ގަބޫލުކުރާ ހިނދު އަނެކާގެ ހައްގުގެ މަތިންވެސް ހަނދާންކުރުމަށް، ދިވެހިރާއްޖޭގެ ވަޒީފާ ދޭ އެންމެހައި ފަރާތްތަކަށާއި ވަޒީފާ އަދާކުރާ އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށެވެ.

ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިހުލާސްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމަކީ މުއައްސަސާއަކަށް އެންމެ ބޭނުންވާނެ ކަންތައް ކަމަށާއި، ހަމަހަމަ ކަމާއި އޯގާތެރި ކަމާއެކު މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރުމަކީ މުއައްސަސާގެ މަސައްކަތްތައް ކާމިޔާބު ކުރުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސްކަތް ކަމަށްވެސް ނައިބް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ގައުމު ތަރައްގީވެގެން ދާނީ އަދި އަޅުގަނޑުމެންނަށް ކުރިޔަށް ދެވޭނީ ތަފާތު އެކި ގައުމުތަކުގެ، އެކި ކަހަލަ ތަޖުރިބާ ހުރި މީހުންނާ އެކުވެސް މަސައްކަތްކުރެވިގެންކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއަކީ މިއަދު ހުނަރުވެރި ޒުވާން އާބާދީއެއް އޮތް ގައުމެއް ކަމުގައި ވިދާޅުވެ، ވަޒީފާތައް ދިނުމުގައި ދިވެހިންނަށް އިސްކަން ދިނުމަށް، ރާއްޖޭގައި ވަޒީފާދޭ ހުރިހާ ފަރާތްތަކަށް ނައިބް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ނައިބް ރައީސް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖެ ކުރިއަރައި ދިއުމާއި، އިގުތިސާދު ވަރުގަދަކުރުމަށްޓަކައިވެސް ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، ދިވެހިރާއްޖެއަށް ލިބޭ އާމްދަނީ ގައުމުގައި ހިފެހެއްޓޭނެ ގޮތެއް ހެދުން މުހިންމުކަމަށާއި، ސަރުކާރުން އިތުރު އަހައްމިޔަތުކަމެއް ދީގެން ވަޒީފާތަކަށް ދިވެހި ޒުވާނުން ހޭނުމަށްޓަކައި ދޭންޖެހޭ އެކިއެކި ތަމްރީނުތައް ދީ، ދިވެހި ޒުވާނުންނަށް ވަޒީފާގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެއްކަން ފާހަގަ ކުރައްވާ، އެކަމަށްޓަކައި، ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސް ސޯލިހުއަށް ނައިބް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.