ދުނިޔެ

ރޯހިންޔާ ގަތުލު އާންމު ރިޕޯޓްކުރި ދެ ނޫސްވެރިން މިނިވަންކޮށްފި

May 7, 2019
1

މިޔަންމާގެ ރާޚައިން ސްޓޭޓްގައި ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ އެ ގައުމުގެ ސިފައިން 2017 ގައި ފެށި އޮޕަރޭޝަނުގައި ހިންގި ގަތުލު އާންމު ރިޕޯޓް ކޮށްގެން ޖަލަށްލާފައިވާ ދެ ނޫސްވެރިން މިއަދު މިނިވަންކޮށްފި އެވެ.

ދައުލަތުގެ ސިއްރުތައް ގާނޫނާއި ހިލާފަށް ހޯދިކަމުގެ ތުހުމަތުގައި ރޮއިޓާސްގެ ދެ ނޫސްވެރިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ހަތް އަހަރަށް ޖަލަށްލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ނަމަވެސް، މިއަދު މިޔަންމާގެ ރައީސް އެ ދެ މީހުންނަށް މައާފް ދެއްވުމާއެކު ދެ ނޫސްވެރިން ވެސް ވަނީ ވަގުތުން މިނިވަންކޮށްފަ އެވެ.

ދެ ނޫސްވެރިން ތަހުގީގު ކުރީ، ރާޚައިން ސްޓޭޓުގެ އުތުރުން އޮންނަ ރަށްފުށު ހިސާބެއްގައި، މިޔަންމާ ސިފައިން މަރާލި 10 މީހެއްގެ މައްސަލަ އެވެ. އެ ސަރަހައްދުގެ މީހުންނާއި އިންޓަވިއުކޮށް ފުލުހުން އަދި ސިފައިންގެ އެހީގައި ހޯދި ލިޔެކިޔުންތަކެއްގެ ސަބަބުން އެ ދެ މީހުން ހައްޔަރު ކުރީ އޭގެ ފަހުންނެވެ.

އެ ރިޕޯޓާއި ގުޅިގެން މިޔަންމާ ސިފައިން ވެސް ވަނީ ތަހުގީގެއް ހިންގާފަ އެވެ. އެ 10 މީހުން މަރާލި ކަމަށް އެއްބަސްވި ނަމަވެސް، އެ މީހުންނަކީ ރާޚައިން ހަނގުރާމަވެރިންނަށް ވާގިދޭ ޓެރަރިސްޓުންތަކެއް ކަމަށް ވަނީ ތަހުގީގަށް ފަހު ނިންމާފަ އެވެ. އަދި އެމީހުން މަރާލަން ޖެހުނީ، ހައްޔަރުކޮށްގެން އެ ސަރަހައްދުން އެމީހުން ނެރުމަށް ސިފައިންނަށް ނުރައްކާ އޮތުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.