ހަބަރު

މަޝްވަރާތައް ފެށުމުން ޔޫކޭ ރާއްޖެއާ މެދު ހިތްހަމަ ޖެހިއްޖެ

Jul 15, 2015
3

ރާއްޖެއާ މެދު ކަންބޮޑުވުންތަކެއް ހުއްޓަސް، ކުރީގެ ރައީސް ނަޝީދު ގެއަށް ބަދަލުކޮށް ސަރުކާރުން މަޝްވަރާތައް ފެށުމުން އުންމީދު އާ ވެއްޖެ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ.

ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން އެ ގައުމުގެ ފޮރިން އޮފީހުގެ މިނިސްޓަރު ހޫގޯ ސްވަޔާ އާ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އަދިވެސް ކަންބޮޑުވާ ކަންތައްތައް އެބަ ހުރި ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިޔުމާއި އަދިވެސް ބައެއް ސިޔާސީ ބޭފުޅުން ޖަލުތަކުގައި ތިބޭތީ އެ ގައުމުން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކަންތައްތައް ހައްލު ކުރުމަށް އޮތް ގޮތަކީ މަޝްވަރާ ކުރުން ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގައުމުން ވެސް މީގެ ކުރިން ގޮވާލާފައި ވަނީ މަޝްވަރާތައް އިސްކުރަން. އެއީ ކަންކަމަށް އޮތް ހައްލު ކަމަށް. ސަރުކާރުން މަޝްވަރާތައް ފެށުމުން އުންމީދު އާވެއްޖެ. މި މަޝްވަރާތަކުން ހައްލު ލިބޭނެ ކަމަށް އުންމީދު ކުރަން،" ހޫގޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު ޔޫކޭ އިން ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށެވެ. އަދި ޑޮމޮކްރަސީ އާއި ޝަރުއީ ދާއިރާ ހަރުދަނާ ކުރުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ޔޫކޭ އިން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ދޭތެރެ ދޭތެރެއިން ކޮމަންވެލްތާއި ސަރަަހައްދުގެ ގައުމުތަކާ އެކުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ހޫގޯ ވިދާޅުވި އެވެ.

"ރާއްޖޭގެ ކަންކަން ޔޫކޭ އިން ސީރިއަސްކޮށް ނަގަން. ރާއްޖޭގައި ހިނގާ ކަންކަން ކައިރިން ބަލައި އެކަމުގެ އަޅަން ޖެހޭ ފިޔަވަޅުތައް އަންނަނީ އަޅަމުން،" ހޫގޯ ވިދާޅުވި އެވެ.