ޕީޕީއެމް

ޕީޕީއެމަށް ދޭން ޖެހޭ ފައިސާ ދީފި

ޕީޕީއެމްއަށް ދައުލަތުގެ ބަޖެޓުން މިދަޔަ އަހަރު ކަނޑައެޅި 18 މިލިއަން ރުފިޔާގެ ތެރެއިން ދޫނުކޮށް ހިފަހައްޓާފައިވާ އަށް މިލިއަން ރުފިޔާ ޕީޕީއެމް އަށް ފީނޭސް މިނިސްޓްރީން ދޫކޮށްފި އެވެ.

ފީނޭންސުން އެފައިސާ ނުދީ ހިފަހައްޓައިފައިވަނީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ފައިސާ ދޭނެކަން އަންގާ މީގެ ކުރިން ފިނޭންސުން ޕީޕީއެމްއަށް ފޮނުވާފައިވާ ސިޓީ އެއްގައި ބުނެފައިވަނީ އެ ފައިސާ އަކީ 2018 ވަނަ އަހަރުގެ ފައިސާ ކަމަށްވުމާއެކު، ފައިސާ ދިނުމަށް ލަސްވީ މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ފައިސާއަށް ނުވާތީ ކަމަށެވެ.

ޕީޕީއެމްގެ ދަރަނިތަށް ބޮޑުވެފައިވަނިކޮށް ފައިސާ ދޫނުކޮށް ހިފެހެއްޓުމުން ޕާޓީ ދަރަނިވެފައިވާ ކަމަށްބުނެ، ސިވިލް ކޯޓަށް މައްސަލަވެސް ހުށަހެޅި އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ދަތުރުތަކަށް އެކަނި އައިލެންޑް އޭވިއޭޝަންއަށް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ޕީޕީއެމްގެ ދަރަނިތަށް ބޮޑުވެ، ބިލްތައް ނުދައްކައިގެން އެ ޕާޓީގެ ރަސްމީ ފޯނު ލައިންތައް ވެސް ވަނީ ކަނޑާލައިފަ އެވެ.

ޕީޕީއެމް އަށް ފައިސާ ދޫކޮށްފައިވާއިރު އެޕާޓީގެ ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް މިހާރުވަނީ އުފެދިފަ އެވެ. އެ ޕާޓީގެ ލީޑަޝިޕަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސް، މުޅިން އަލަށް ހަތަރު ނައިބު ރައީސަކު އައްޔަންކޮށްފަ އެވެ.