ވިޔަފާރި

ސަބްސިޑީ ދޭން 271.3 މިލިއަން ރުފިޔާ ހޭދަކޮށްފި

May 8, 2019
2

ދައުލަތުން ދޭ އެކި ސަބްސިޑީތަކަށް 271.3 މިލިއަން ރުފިޔާ ނިމިދިޔަ ހަފުތާގެ ނިޔަލަށް ސަރުކާރުން ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި މި އަހަރުގެ 18 ވަނަ ހަފުތާގެ މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ސަބްސިޑީގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 1,073.3 ބިލިއަން ރުފިޔާގެ ތެރެއިން މިދިޔަ ހަފުތާގެ ނިޔަލަށް 271.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

ދައުލަތުން ދޭ ސަބްސިޑީގެ ތެރޭގައި ކަރަންޓުގެ ސަބްސިޑީ އާއި ކާޑުގެ ސަބްސިޑީ އަދި ތެލުގެ ސަބްސިޑީ ހިމެނެ އެވެ.

މި ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ ހަފުތާގެ ނިޔަލަށް އާސަންދަ އިން ވަނީ 274.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އާސަންދަ އަށް ހޭދަ ކުރަން ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނިމިދިޔަ ހަފުތާގެ ނިޔަލަށް ދައުލަތުން ވަނީ 7.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ވަނީ 7.9 ބިލިއަން ރުފިޔާ ލިބިފަ އެވެ.