އުރީދޫ

ހަނދުރުނބާ ވާހަކައާއެކު އުރީދޫ ރޯދަ ވީޑިއޯ ތަފާތު

އުރީދޫން ރޯދަ މަރުހަބާ ކިޔަން ހެދި ވީޑިއޯ

"ބައްޕަ އަށް ކޮންމެވެސް ކަމެއް ވެފަ ކަންނޭގެ އިންނަނީ.. ކޮންމެވެސް ކަމަކާ މާޔޫސްވެފަ. ބޮޑަށް ހީވަނީ ދެން މަންމަަ ނިޔާވި ފަހުން، ބައްޕަ މާ ބޮޑަށް އެކަނިވަނީ ކަންނޭނގެ. ކުރިން ބައްޕަ އަަކީ ވަރަށް ސަކަރާތްޖަހާ މަޖާކޮށް އުޅުން މީހެއް"

މިއީ މި ވީޑިއޯގެ އަސްލު ފެށުމެވެ. ދެމަފިރިއެއްގެ ދެމެދުގައި ދެކެވޭ ވާހަކައެކެވެ. އެމީހުންގެ ބައްޕަ (އަލިފުޅު) އަށް އައި ބަދަލާ މެދު ވިސްނަަމުން ދަރިން އެ ވާހަކަ ދައްކަ އެވެ. މަންމަ (އާރިފާ) ނިޔާވި ފަހުން އަލިފުޅުގެ އެކަނިވެރި ދިރިއުޅުން މޫނުމަތިން ފެންނަން ހުރެ އެވެ. އެ މޮޅިވެރިކަން ފިލުވުމަށް އެކުދިން ނިންމާ އަލިފުޅުގެ ޒަމާންވީ ރައްޓެހިންނަށް ދައުވަތު ދިނީ ރޯދަ ވީއްލުމަކަށެވެ. ވީޑިއޯގައި ބުނާ ގޮތުން ނަމަ އަލިފުޅާއި ރަހުމަތްތެރިން ރޯދަ މަހު ފަސްވަނަ ރޯދަ ވީއްލަނީ އެކު އެވެ. މި އަހަރުގެ ފަސް ވަނަ ރޯދަ ވީއްލުން އަލިފުޅަށް ބާއްވައިދިނީ އަލިފުޅުގެ ރަހުމަތްތެރިންނާއެކު އެވެ. އުރީދޫން އަލިފުޅުގެ ރަަހުމަތްތެރިންނާ ގުޅުވައިދީ މި ވީޑިއޯ ވެސް ނެރުނީ ފަސްވަނަ ރޯދަައިގަ އެވެ.

ރޯދަ މަރުހަބާ ކިޔަން އުރީދޫން ވޭތުވެދިޔަ ދެ އަހަރު ވެސްް ތަފާތު މޮޅެތި ވީޑިއޯތައް ހެދި އެވެ. އެއްފަހަރު ކުޑަކުޑަ ޔޫސުފް އެއް ގެނެސްގެން ޔޫސުފް ރޯދަ ހިފި ގޮތް ކިޔައިދީފި އެވެ. ދެވަނަ ފަހަރު ހަނީ މެންގޯ ޗީޒް ކޭކަކުން ދެމަފިރިއެއްގެ ރޯދަ ރުޅިގަނޑު މައިިތިރި ކުރުވި އެވެ. މި އަހަރުގެ އުރީދޫ ރޯދަ މަރުހަބާ ވީޑިއޯ ބެލި ކޮންމެ މީހަކުވެސް ބުނަނީ ވީޑިއޯ ނިމެން ގާތްވުމުން ކުޑަކޮށް ރޮވޭ ގޮތް ވި ކަމެވެ.

އުރީދޫގެ މި ވީޑިއޯގެ ސަބަބުން ހުރިހާ އެންމެން ހިމޭން ކޮށްލި އެވެ. ފޯނު އަަތައްލައިގެން އިނދެ ވީޑިއޯ ބަލާ ނިންމާލި އިރު ފަސްް މިނެޓުގެ މި ކުރު ވީޑިއޯ އިން އެންމެންގެ ހިތްތަކާ ކުޅެލަމުން ދިނީ ނަސޭހަތެކެވެ. އަމިއްލަ މައިންބަފައިންނާ މެދު ވިސްނާލާށެވެ. އެމީހުންގެ ދިރިއުޅުމާމެދުވެސް މެ އެވެ. މުސްކުޅިވާ ދުވަހު ކައިރީގައި ތިބޭ ދަރިންގެ ފަރާތުން އެމީހުންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަމިއްލަ އަށް އަހާ ސުވާލުވެސް ކުރާށެވެ. އަދި މައިންބަފަައިން އެކަނިވެ، ގާތް މީހުންގެ ފަރާތުން ލޯބި ބޭނުންވާނެ ދުވަހު އެ ލޯބި ދެވޭނީ ކިހިނެތްތޯ ވެސް އެއްސެވެ.

ދަނގެތީގެ ފަހުރުވެރި ހަނދު ރުނބާ ސްޓޯރީ

އދ. ދަނގެތީގައި ނަގާ، ދަނގެތީގެ ޒަމާންވީ ވާހަކަ ތަކެއް ވެސް މި ވީޑިއޯގައި ކިޔައިދެ އެވެ. ދަނގެއްޗާ ގުޅިފައި އޮންނަ ހަނދު ފަޅި ދައްކާލީ ހަމަ އެކަހަލަ ރުނބައެއް ތެރޭންނެވެ. ރާއްޖޭގެ ބޮޑު ތަދު ދުވަސްވަރު، ތަދުވަރު ކަމުން އަރައިގަންނަން ދަނގެތި މީހުން ރަދުންނަށް ވެދުން ކުރި މި ހަދިޔާ ތެރެއަށް ހޯއް ގޮވާލާ އަޑުވެސް އިއްވާލަ އެވެެ. ވީޑިއޯ ނިމެން ގާތް ވުމުން އެ ގޮވާލާ "ހޯއް"ގެ މުހިއްމުކަން އެނގޭނެ އެވެ.

ހަނދުރުނބާ ސްޓޯރީއާ ބެހޭ ގޮތުން، ދަނގެތީ ކުރީގެ ކަތީބު އަލީ ވަހީދު ވިދާޅުވީ މި ހާދިސާއަކީ ރަށުގެ ރައްޔިތުންގެ ފަހުރެއް ކަމަށެވެ.

"ރަސްގެފާނުގެ ފައިންޕުޅު ދެކެން ގޮސް ނުފެވިގެން، ރަށަށް އައި މަގުމަތީގައި ހިނގިކަމެއް މިއީ. އެއީ އެންމެ ހަނދުވަރު ރަނގަޅު އެއް ރޭ ކަމަށްވަނީ. ދޯނީގެ ފިލާގަނޑު މަތީގައި އިން ރުނބާގެ ފެންގަނޑުގެ ތެރެއަށް ހަނދުގެ އަލިކަން ފެނުނީމަ ރުނބާ އައްސައިގެން އަނބުރާ ރަސްގެފާނުގެ އަރިހަށް ދިޔަކަމަށް ވަނީ. ދިއުމުން މުޅި މަންޒަރު ބަދަލުވި. އޭގެ ފަހުން މި ރަށުގެ ވަށައިގެންވާ ހުރިހާ ރަށެއް މިރަށުގެ ރައްޔިތުންގެ ނަމަށް ލިއުއްވާ ދެއްވި. އަދި މިނޫންވެސް ގިނަ ފައިދާތަކެއް ރަށަށްވި. އެކަމުން މިހާރުވެސް މި އަތޮޅުގައި އެންމެ އަތްމަތި ތަނަވަސް އެއް ރަށަށް މި ރަށްވި. އެހެންވެ، މިކަމަކީ ރަށު މީހުން ފަހުރުވެރިވާ ސްޓޯރީއެއް،" އަލީ ވިދާޅުވި އެވެ.

އުރީދޫން އާއިލީ ގުޅުމާއި ގާތް ރަހުމަތްތެރިކަމުގެ ގުޅުން ވަރުގަދަ ކޮށްލަދިނީ ރޯދަ ވީއްލުމަކުންނެވެ. ވީޑިއޯގައި ފެންނަ ބައްޕަގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއްވެސް ގެނުވީ ފަސް ވަނަ ރޯދަ ވީއްލުމުންނެވެ. ބައްޕަގެ ދަރިން ދެކެންބޭނުންވީ ބައްޕަ ހެވިފައި އުފަލުގައި އިންނަ މަންޒަރެވެެ. އެދުވަހު ރޯދަ ވީއްލި ވަގުތު، ހިތްމަރުވެފައި އިން ބައްޕަގެ ކުޑައިރުގެ ރައްޓެހިންނާއެކު ޅަ ދުވަސްވަރުގެ ހަަނދާންތައް އާކޮށް ވާހަކަ ދައްކާ މަންޒަރު ފެނި އެ އުފާވެރިކަން އެކުދިންނަށްވެސް އިހުސާސް ކުރެވުނެވެ. އެއް ދުވަހަށް ނަމަވެސް، ގޭތެރޭގެ ފަޅުކަން ފިލުވާލާ އުފާވެރި މާހައުލަކަށް ހަދައިދީފި އެވެ.

އުރީދޫން މި ބުނަނީ ރޯދަ މަހު އާއިލީ ގުޅުން އަލުން ވަރުގަދަ ކޮށްލާށެވެ. ހަމަ ޔަގީނުންވެސް އުފާވެރިވާނެ އެވެ!