ހަބަރު

އާ ގާނޫނުލް އުގޫބާތައް އަމަލުކުރަން މިތިބީ ފުރިހަމަޔަށް ތައްޔާރުވެގެން: ފުލުހުން

Jul 15, 2015

މިރޭ ދަންވަރު 12:00 އިން ފެށިގެން އަމަލުކުރަން ފަށާ އާ ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުވުމަށް ތަމްރީންތައް ހިންގައި އެ ގާނޫނަށް ފުރިހަމަޔަށް އަމަލު ކުރުމަށް ފުލުހުން ތިބީ ތައްޔާރުވެފައި ކަމުގެ ޔަގީންކަން އެ އިދާރާއިން މިއަދު ދީފި އެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފުލުހުންނާއި ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ އެހެން މުވައްޒަފުން ވެސް އާ ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުވުމަށް 3100 ފުލުހަކަށް ޓްރެއިނިން ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމްތަކުގައި އެކި ސަބަބުތަކާ ހުރެ ބައިވެރިނުވެ ވުމުގެ ސަބަބުން ތަމްރީން ނުކުރެވި ތިބީ 190 ފުލުހަކު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާއު ވިދާއުވާ ގޮތުގައި ފުލުހުންގެ މުއައްސަސާ އާ ގާނޫނުލް އުގޫބާތަށް ތައްޔާރުވުމަށް ދެ މަހެއް ކުރިން ތަމްރީން ޕްރޮގްރާމްތައް ވަނީ ފަށައިފަ އެވެ. އޭނާ ވިދާޅުވި ގޮތުފައި މި ރޯދަ މަހުގެ ކުރިން މާލެ އާއި އަތޮޅުތަކުގެ ބޮޑުބައިގައި ވަނީ ޓްރެއިނިން ޕްރޮގްރާމްތައް ނިންމާލެވިފަ އެވެ.

"އަޅުގަނޑު މެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ގާނޫން އުބޫބާތައް މިގެންނަ އާ ބަދަލަށް ފުލުހުންގެ ފަރާތުން މިތިބީ ފުރިހަމަޔަށް ތައްޔާރުވެފައިކަން، މި ގާނޫނު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފިގެން ދާނެ ކަމަށް ޔަގީން ކުރަން" ޝިފާއު ވިދާޅުވި އެވެ.

އެތައް ޒަމާނުއްސުރެއް އަމަލު ކުރަމުން އައި މުސްކުޅި ގާނޫނުލް އުގޫބާތުގެ ބަދަލުގައި އެތައް އަހަރެއްގެ މަސައްކަތުން ފަރުމާކޮށް އަމަލު ކުރަން ފަށާ އާ ގާނޫނުލް އުގޫބާތުގެ ސަބަބުން ދައުވާ ކުރުމުގެ އުސޫލާއި ޝަރީއަތްތައް ކުރިއަށް ގެންދާ ގޮތަށް އަދި އެކި ކުށްކުށަށް ކަނޑައެޅިފައިވާ އަދަބުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އާ ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ދެ ފަހަރެއްގެ މަތިން ފަސްވެސް ކޮށްފައިވެ އެވެ.