ހަބަރު

މުހީތުގެ މަރު: ދެ މީހަކަށް ކުށް ސާބިތުވެ، އެކަކު ސަލާމަތްވެއްޖެ

ގ. ވޭރު އަބްދުލްމުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައަޅައި އެކެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައިފި އެވެ. ކުރިމިނަލް ކޯޓުން އެ ނިންމުން ނިންމީ އިއްޔެ އެވެ.

ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ މުހީތު މަރާލި މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ. އެއީ ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއު އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ އިތުރުން ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހެވެ.

އޭގެ ތެރެއިން ކުށް ސާބިތުވީ މައިމޫނާއި މުހުޖަތުގެ މައްޗަށެވެ. ކުށް ސާބިތު ނުވީ މުޝައްފާއުގެ މައްޗަށެވެ. ދެ މީހުންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އެ ދެމީހުންގެ މައްޗަށް އިއްވާނެ ހުކުމެއް އަދި ކަނޑަނާޅަ އެވެ.

މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ކުށް ސާބިތުކުރާ އަޑުއެހުމާއި އަދަބު ކަނޑައަޅާ އަޑުއެހުމަކީ ވަކި ދެ އަޑުއެހުމެކެވެ. ކުށް ސާބިތުކުރުމަށް ބާއްވާ އަޑުއެހުމަށްފަހު އަދަބު ކަނޑައަޅަން އަޑުއެހުމެއް ވަކިން ބާއްވަން ޖެހެ އެވެ. އެ އަޑުއެހުމުގައި ދެ ފަރާތަށް ވެސް އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ލިބެ އެވެ. މައްސަލަ ބައްލަވާ ފަނޑިޔާރަކު އަދަބު ކަނޑައަޅާނީ އެއަށްފަހު އެވެ. މި ދެ އަޑުއެހުމުގެ ދޭތެރޭގައި 10 ދުވަސް ހޭދަވެ އެވެ.

މި މައްސަލައަކީ ޝަރީއަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އެކި ފަހަރު މަތިން ބަދަލުވެފައިވާތީ މައްސަލަ ހުއްޓިފައި ވެސް އޮތެވެ. އެންމެ ފުރަތަމަ މި މައްސަލާގެ ޝަރީއަތުގެ ފަހު އަޑުއެހުންތަކާ ހަމައަށް ދިޔައީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ވެސް އެ ޝަރީއަތް ކުރިއަށްދާތާ ތިން އަހަރު އޮތީ ވެފަ އެވެ.

މުހީތުގެ މަރުގެ މައްސަލާގައި ތިން ކުޑަ ކުއްޖަކާ ދެކޮޅަށް ޖުވެނައިލް ކޯޓުގައި ވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވި އެވެ. އަނެއް ކުއްޖާ ސަލާމަތްވި އެވެ. މަރުގެ ހުކުމް އިއްވި ދެ މީހުންގެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.