ހަބަރު

ލަފާޖު- ހޮލްސިމްއާ އެއްކޮށްލައި ދުނިޔޭގެ އެންމެ ބޮޑު ސިމެންތި ކުންފުންޏަށް ވެއްޖެ

Jul 15, 2015

ރާއްޖޭގެ ބާޒާރުގައި ސިމެންތި ވިއްކަމުން ގެންދާ ލަފާޖު ކުންފުނި، ފްރާންސުގެ ހޮލިސިމް ކުންފުންޏާ އެއްކޮށްލުމާއެކު ދުނިޔޭގެ އެންމެ ބޮޑު ސިމެންތި ކުންފުންޏަށް ވެއްޖެ އެވެ.

ކުރިން ވަކި ދެ ކުންފުނީގެ ގޮތުގައި ހިންގަމުން ގެންދިޔަ ލަފާޖާއި ހޮލްސިމް "މާޖް" ކޮށްލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހެވެ. ސުވިޒަލޭންޑަށް ނިސްބަތްވާ ލަފާޖު ކުންފުންޏާއި ފްރާންސުގެ ހޮލްސިމް ކުންފުނި އެއްކޮށްލުން މުޅި ދުނިޔޭގައި މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. "ލަފާޖު-ހޮލްސިމް" އިއުލާނު ކުރަން ރާއްޖޭގައި ވެސް މިރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

އެސްޓީއޯގެ 25 ޕަސެންޓް ހިއްސާވާ ލަފާޖު މޯލްޑިވްސް އިން އިންތިޒާމުކޮށްގެން "ހޮޓެލް" ޖެންގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ލަފާޖު މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވީ މި ބަދަލުގެ ސަބަބުން "ހެޔޮ ބަދަލުތަކެއް" އަންނާނެ ކަމަށެވެ. މި ބަދަލާއެކު "ރެޑީމިކްސް" ސިމެންތި ރާއްޖޭގެ ބާޒާރުން ފެނިގެންދާނެ ކަމަށެވެ.

"މި ބަދަލުގެ ސަބަބުން އަގަށް އަންނަ ބަދަލުތައް ފެންނަން ދެތިންމަސް ނަގާނެ،" މަމްދޫހު ވިދާޅުވި އެވެ.

ލަފާޖުހޮލްސިމް ކުންފުނި އެއްކޮށްލުމާއެކު އެ ކުންފުނީގެ ރައުސުލްމާލުގެ އަދަދު ވަނީ 32 ބިލިއަން ސުވިސް ފްރޭންކަށް ވުރެ މަތިވެފަ އެވެ. މިދެ ކުންފުނީގެ ގުޅުމާއެކު ކުރިން ސުވިޒަލޭންޑާއި ފްރާންސުގައި ވަކިން ދެ އޮފީހުގެ ގޮތުގައި ހިންގަމުން ދިޔަ ދެ އޮފީސް ވަނީ ފްރާންސަށް ބަދަލު ކުރުމަށް ނިންމާފަ އެވެ. މި ދެ ކުންފުނި އެއްކޮށްލުމުން ކުންފުނީގެ ވިޔަފާރި 90 ގައުމަށް ފުޅާވެގެންދާނެ އެވެ.