ޕީޕީއެމް

ޕީޕީއެމް ހޭލައި ޒިންމާދާރުވާން ވެއްޖެ: ނިޒާރު

އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމް ނިދިން ހޭލައި ޒިންމާދާރުވާން ވެއްޖެ ކަމަަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް ފާޑު ވިދާޅުވަމުން މިއަދު ނިޒާރު ވިދާޅުވީ، ދައުލަތުން ޕާޓީ ތަކަށް ހަރަދު ކުރަނީ ޒިންމާ އަދާކުރުވައި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުވަން ކަމަށެވެ.

ޗެނަލް 13 އިން ލަވައެއް ގެނެސްދޭ މަންޒަރު ޓުވީޓްކޮށް ނިޒާރު ވިދާޅުވީ، ދައުލަތުގެ ޗެނަލާއި ރާއްޖެ ޓީވީ ބަލާފަައި އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި އޮތް ޕީޕީއެމްގެ ޗެނަލް 13 ބަލާއިރު ފެންނަނީ ނަށައި ލަވަކިޔާ މަންޒަރުތައް ކަމަށެވެ.

މީގެ އިތުރުން ނިޒާރު ވިދާޅުވެފައިވަނީ، ޕީޕީއެމް ވެރިކަމުގައި ސަރުކާރުގައި ހިންގި އިރު ހެދި ގޯސްތަކަށް ސަރުކާރު ޖަވާބުދާރީ ކުރުވަން އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއިން ކުރި މަސައްކަތް މިހާރު ޕީޕީއެމް އިން ކުރަންޖެހޭ ކަމަށެވެ.

އަދި 2013 ވަނަ އަހަރު އެމްޑީޕީ ރިޔާސީ އިންތިހާބުން ބަލިވުމުންވެސް އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި ފުރިހަމައަށް މަސައްކަތް ކުރަމުންދިޔަ ކަމަށާއި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ނާމިޔާބާ ކުރިމަތިލާން ޖެހުމުން ވެސް އެމްޑީޕީ ދިޔައީ ފުރިހަމައަށް އިދިކޮޅު ޕާޓީ އެއްގެ ގޮތުގައި ހަރަކާތްތެރި ކަމަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބީގެ ނާކާމިޔާބަށްފަހު ޕީޕީއެމްގެ ހިންގުން ވަރުގަދަ ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ. އެގޮތުން އެ ޕާޓީގެ ލީޑަޝިޕަށް ބައެއް ބަދަލުތައް ގެނެސް މިހާރު ވަނީ މުޅިން އަލަށް ހަތަރު ނައިބު ރައީސަކު އައްޔަންކޮށްފަ އެވެ.