ވިޔަފާރި

އުރީދޫ މޯލްޑިވްސްއަށް އާ ޗެއާމަންއެއް

އުރީދޫ މޯލްޑިވްސް އަށް އާ ޗެއާމަންއެއް ހަމަޖައްސައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުންފުނީގެ އިންޑިޕެންޑެންޓް ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި އަދި އައު ޗެއާމަން ކަމަށް ޑޭމިއަން ފިލިޕް ޗެޕަލް ހަމަޖައްސާފައިވާ ކަމަށެވެ. އެ މަނިކުފާނު އެ މަގާމަށް ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް އެއްގެ ގޮތުގަ އެވެ.

ޗެޕަލް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އުރީދޫ ގަތަރުގެ ޗީފް ކޮންސިއުމާ އޮފިސަރުގެ މަގާމުގަ އެވެ. އޭނާއަކީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި 17 އަހަރަށް ވުރެ ގިނަ ތަޖުރިބާ ހޯއްދަވާފައިވާ އޮސްޓްރޭލިޔާ ގެ ރައްޔިތެކެވެ. ޗެޕަލް ވަނީ އޮސްޓްރޭލިއާގެ ސްވައިންބާން ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ އިން އެޕްލައިޑް ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ ގެ ދާއިރާއިން ބެޗަލަރސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ބޯޑު ޑިރެކްޓަރުކަމާއި ޗެއާމަން ކަމުގެ މަޤާމަށް އައްޔަން ކުރުމާ ގުޅިގެން، ޑޭމިއަން ފިލިޕް ޗެޕަލް އަށް އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ކިޔާ ކަމަށެވެ. އަދި ޗެޕަލްގެ ޤާބިލް ލީޑަރޝިޕްގެ ދަށުން، އުރީދޫ މޯލްޑިވްސް އިން ކުރިމަގުގައި އިތުރު ކުރިއެރުންތަކެއް ކަނޑައްތުކޮށް، ގިނަގުނަ ކާމިޔާބީތައް ހޯދާނެކަމުގެ އުންމީދު ކުރާ ކަމަށެވެ.