ހަބަރު

ޔޫރަޕުން ގިނަ ލުއިތަކެއް ހޯދަން ޝާހިދު މަޝްވަރާކުރައްވައިފި

ޔޫރަޕުން ރާއްޖެއަށް ގިނަ ލުއިތަކެއް ހޯދުމާ ގުޅޭގޮތުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓާ ފޮ ސްޓްރެޓީޖިކް ޕާޓްނަޝިޕްސް އިމްޕްލިމެންޓޭޝަން އަނާ ބާޗޯލްއާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ޝާހިދު މިވަގުތު ރޮމޭނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމި ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު ވިކްޓޯރިއާ ޕެލަސްގައި ބޭއްވި މިބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޔޫރަޕިއަން ކައުންސިލްގެ ރިޔާސަތު ރުމޭނިއާއިން ބަލަހައްޓަމުންދާއިރު، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓްގައި އިތުރަށް ޕްރޮމޯޓްކުރުމަށް ދިވެހި ސަރުކާރުން ބޭނުންވާކަން ޝާހިދު ވަނީ އެ ބައްދަލުވުމުގައި ހާމަކުރައްވައިފަ އެވެ.

އޭގެ އިތުރުން، ސިއްހީ، ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާގެ އިތުރުން ތައުލީމާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮނގުންނާއި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ދެގައުމު ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.

ޝާހިދުގެ ދަތުރުފުޅުގައި އީޔޫ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުންދާ ރުމޭނިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއުއެކު ބާއްވާ ބައްދަލުވުންތަކުގައި ދެގައުމުގެ ގުޅުމާއި ބެހޭ ގޮތުން ކުރައްވާ މަޝްވަރާތަކުގެ އިތުރުން އީޔޫއާއި ގުޅުން ހުރި އެހެން މަޝްވަރާތައް މިނިސްޓަރ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވި އެވެ.

"އެގޮތުން އީޔޫއިން ރާއްޖެއަށް އިންވެސްޓްމަންޓްތައް ގެނައުމާއި، ދިވެހި މަސްވެރިކަމުގެ ބާވަތްތަކުން ނަގާ 24 އިންސައްތަ ޑިއުޓީ ކުޑަކުރުމުގެ އިތުރުން ޔޫރަޕަށް ދާން ނަގަން ޖެހޭ ވިސާއާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އެކަންކަމުގައި ރާއްޖެއަށް ފަސޭހަތަކެއް ލިބޭތޯ މިނިސްޓަރ މަޝްވަރާކުރައްވާނެ،" ޝާހިދުގެ ދަތުރުފުޅާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވި އެވެ.