ހަބަރު

ކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓްވެ އަނިޔާވެއްޖެ

May 10, 2019

އަށާރަ އަހަރު ނުވާ ކުއްޖަކު ބާރު ސްޕީޑްގައި މިއަދު ހުޅުމާލޭގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން އެކްސިޑެންޓް ވެއްޖެ އެވެ. މި އެކްސިޑެންޓްގައި އެ ކުއްޖާގެ އިތުރުން ދެ މީހަކަށް އަނިޔާވި އެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ނިރޮޅުމަގުގެ ވެލިގާ ހާޑްވެއާ ކައިރިންނެވެ. އެކްސިޑެންޓް ހިނގީ އެ މަގުން ދުއްވާފައި ދިޔަ ޕިއްޒާ ބޯނާގެ ޑެލިވަރީ ސައިކަލެއްގައި ފަހަތުން ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލް ޖެހިގެންނެވެ.

އެ ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ކުއްޖެކެވެ. ސައިކަލްގެ ފަހަތުގައި އިނީ 14 އަހަރުގެ ކުއްޖެކެވެ. އެ ދެ ކުދިންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވެފައިވެ އެވެ.

ޑެލިވަރީ ސައިކަލް ދުއްވަން އިން މީހާއަށް ވެސް ކުދި އަނިޔާތައް ލިބިފައިވެ އެވެ. ނަމަވެސް އޭނާގެ ސައިކަލަށް ގެއްލުންވެފައެއް ނުވެ އެވެ. ނަމަވެސް ކުއްޖާ ދުއްވި ސައިކަލަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ.