ހަބަރު

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓު ވެއްޖެ

މިއަދު ހެނދުނު 07:02 ހާއިރު ހުޅުމާލެ ރީތިގަސްމަގުން ސަހަރާ ކައިރިން ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ގަސްތަކުގެ ތެރެއަށް ވަދެ އެކްސިޑެންޓު ވެއްޖެ އެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި ކާރު ދުއްވަން އިނީ ޑްރައިވަރު އެކަނި އެވެ. ފުލުހުން ބުނި ގޮތުގައި، ކާރު ދުއްވަން އިން ޑްރައިވަރަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވިޔަސް ކާރުގެ ކުރީ ބަފަރު ވަނީ ނެއްޓިފަ އެވެ.

ޑްރައިވަރު އަތުގައި ކާރު ދުއްވުމުގެ ލައިސަންސް އޮތް ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ. މި މައްސަލަ ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

މިފަހުން ހުޅުމާލޭގައި އަންނަނީ ބޮޑެތި އެކްސިޑެންޓުތައް ހިނގަމުންނެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު އެމްޓީސީސީ އިން ދުއްވާ ބަހަކުން ޖެހި ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އަދި، މިދިޔަ ބުރާސްފަތި ދުވަހު ވެސް ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކުން ޖެހި އެކްސިޑެންޓެއް ހިނގި އެވެ.