ހަބަރު

ނައިބު ރައީސްކަމަށް ގެންނާނެ މީހަކާ މެދު ގޮތްކިޔައެއް ނަހަދާނަން: މައުމޫން

Jul 16, 2015
2

ވަކި މީހަކު ނައިބު ރައީސް ކަމަށް ގެނައުމަށް ވެސް އަދި ނުގެނައުމަށް ވެސް އެއްވެސް މަސައްކަތެއް ނުކުރައްވާނެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން އޮމާންއަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގަތް މައުމޫން ވިދާޅުވީ، ވަކި މީހަކަށް ނައިބު ރައީސްކަން ނުދިނުމަށް ރައީސް ޔާމީނަށް އެއްވެސް އިރެއްގައި ދަންނަވާފައި ނުވާނެ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބަލަނީ ގާނޫނު އަސާސީ އާއީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަން ކަމަށާއި އެހެން ވީމާ ވަކި މީހަކަށް ނައިބު ރައީސްކަން ނުދޭން ނޫނީ ދޭން ވެސް ރައީސްއަށް ދެންނެވުމަކީ އަދި އެކަމަށް މަސައްކަތް ކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ބަލަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން މަސައްކަތް ކުރަން. އަޅުގަނޑަކީ އެއަށް ހުރުމަތްތެރިކޮށް ހިތާނެ މީހެއް. އެހެން ވީމާ އަޅުގަނޑު ކުރާނެ ކަމެއް ނޫން އެއީ ވަކި މީހަކަށް ނައިބު ރައީސްކަން ހޯދައި ދިނުން ވެސް އަދި ހޯދައި ނުދިނުމަށް މަސައްކަތް ކުރުމަކީ ވެސް،" މައުމޫން ވިދާޅުވި އެވެ.