ވިޔަފާރި

މެލޭޝިއާގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވައިިފި

May 11, 2019
1

ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ މެލޭޝިއާގައި ދިވެހި މަހުގެ އުފެއްދުންތައް ވިއްކާ ފިހާރައެއް ހުޅުވައިފި އެވެ.

"ދަ މޯލްޑިވިއަން ފިޝް މާކެޓް" ގެ މި ފިހާރަ ހުޅުވާފައިވަނީ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ، އަބްދުލް ހަމީދު އަބްދުލްޣަފޫރު އާއްމު ބަހުންނަމަ (އައްޑޯ) އާއި އިތުރުން ހިއްސާދާރުން ތަކެއް ހިމެނޭ އޯލް އެޗް މޯލްޑިވްސް ކުންފުނިންނެވެ. މި ފިހާރަ ހުޅުވާފައިވަނީ ދިވެހިން ގިނަ އަދަދަކަށް ދިރިއުޅޭ މެލޭޝިއާގެ ޝުބަންގް ޖާޔާ ސެލެންގޯގަ އެވެ.

އައްޑޯ ވިދާޅުވީ މި ފިހާރާގައި ވިއްކާނީ ދިވެހި ކުންފުނިތަކުން ތައްޔާރު ކުރާ ދިވެހި މަހުގެ އުފެއްދުންތައް ކަމަށެވެ.

"ދިވެހި ކުންފުނިތައް ކަމަށްވާ ހޮރައިޒަން އާއި އެންސިސް އަދި މާންދޫގެ އުފެއްދުންތައް މި ވަގުތު ހުންނާނެ. މިފްކޯގައި ވެސް އެދިގެން މި އުޅެނީ އެ ކުންފުނީގެ އުފެއްދުންތައް ފޯރުކޮށްދޭން،" އެއާއޭޝިއާގެ ރާއްޖޭގެ އެޖެންޓުކަން ވެސް ކުރާ އައްޑޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހަކީ މެލޭޝިއާގެ ރައްޔިތުން ވެސް ގިނަ އަދަދަކަށް ބޭނުންކުރާ އެއްޗަކަށްވާތީ ފިހާރައަށް ރަނގަޅު ޑިމާންޑެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މިވަގުތު އެއާ ރަނގަޅެއް ނޫން. އެކަމަކު ވަރަށް އަވަހަށް ފުޑް ފެއާތަކުގައި ބައިވެރިވާން ފަށާނަން. އޭރުން ބަލްކް ކޮށް އޯޑަރު ލިބެން ފެށީމަ ރަނގަޅު ވާނީ،" އައްޑޯ ވިދާޅުވި އެވެ.

މެލޭޝިއާއަކީ ދިވެހިންގެ ގިނަ ބަޔަކު ދިރިއުޅޭ ގައުމެވެ. އެ ގައުމުވެފައިވަނީ ސްރީލަންކާ ނަގާފައި ދެން އެންމެ ގިނަ ދިވެހިން ދިރިއުޅޭ ގައުމަށެވެ.