ހަބަރު

ފުވައްމުލަކުގައި ވިހޭ މީހެއްގެ ވާހަކަ ގެނެސްދިނީ ސިއްހީ ހިދުމަތުގެ އިތުބާރު ގެއްލޭ ގޮތަށް: ހެލްތު

Jul 16, 2015

ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ވިހޭ މީހެއްގެ ހަބަރު ގެނެސްދީފައި ވަނީ ހޮސްޕިޓަލުން ދޭ ހިދުމަތާމެދު އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ހިލާފަށް ކަމަށް ހެލްތު މިނިސްްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ހޮސްޕިޓަލުގެ އަޅައިލުމެއް ނެތި މީހަކު ވިހޭ ކަމަށް މީޑިއާގައި އާންމު ކުރި ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށާއި ސިއްހީ ހިދުމަތުގެ މައުލޫމާތު ފޯރުކޮށް ދިނުމުގައި ޒިންމާންދާރުވާން އިލްތިމާސް ކުރަމެވެ.

މިނިސްޓްރީން ބުނީ 35 އަހަރުގެ މީހަކު ހަތަރު ވަނަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް 32 ހަފުތާގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ބަނޑުން ލޭ އައިސް ކުޑަކޮށް ބަނޑުގައި ރިއްސާތީ ކަމަށާއި އެޑްމިޓް ކުރީ މި މަހުގެ 12 ވަނަ ދުވަހު ހެނދުނު ކަމަށެވެ.

"އެހިސާބުން އަންހެނުންގެ ހާއްސް ޑޮކަޓަރުގެ ބެއްލެވުމާއި ލަފާގެ މަތިން ފަރުވާ ދެމުން ދިޔަ އެވެ. އަދި 13 ވަނަ ދުވަހު ހެނދުނު 10:00 ގ ފަހުން ބަނޑުގައި ރިހުން ރަނގަޅުުވުމާއެކު ތަދުކަނޑުވާ އިންޖެކްޝަން ގުޅަބޭހަށް ބަދަލުކުރި ފަހުން 14 ވަނަ ދުވަހު ހެނދުނު ކުއްލި ގޮތަކަށް ބަނޑުގައި ރިއްސަން ފެށި ވަގުތުން ހާއްސަ ޑޮކްޓަރަށް ގުޅައި އިންޖެކްޝަނާއި އައިވީ ގުޅިއެވެ."

ހެލްތުން ބުނީ އެ މީހާގެ ބަނޑުގައި ރިހުން ރަނގަޅު ނުވެ ތަދު ބޮޑުވަމުންދާތީ ވޯޑްގައި އެ މީހާ އޮތް އެނދާއެކު ލޭބާ ރޫމަށް ވެއްދި ކަމަށާއި ވެއްދިތާ ގިނަ އިރު ނުވަނީސް ވިހާފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާ ވިހެއީ ދުވަސް ނުފާރާ ކަމަށާއި ކުއްޖާގެ ބަރުދަނުގައި ހުރީ 1.5 ކިލޯ ގްރާމް ކަމަށެވެ.

އަދި ބުނީ އެ ތުއްތު ކުއްޖާއަށް ހާއްސަ ފަރުވާ ބޭނުންވާތީ އެރޭ 10:35 އެހާކަންހާއިރު އާސަންދައިގެ ދަށުން ފަރުވާއަށް އައިޖީއެމްއެޗަށް ފޮނުވި އިރު މަންމަގެ ހާލު ރަނގަޅުވުމުން އޭނާ ވެސް ދަރިފުޅާއެކު މާލެ ފޮނުވި ކަމަށެވެ.