ހަބަރު

މިދިޔަ ހަފުތާގައި 56 އެކްސިޑެންޓް

May 12, 2019

މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ހަމައަށް މާލޭގައި 56 އެކްސިޑެންޓް ހިނގި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ކޮންމެ ހަފުތާއަކު އާއްމުކުރާ މާލޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފުތާގެ ތެރޭގައި ގަވާއިދާ ހިލާފު ވެގެން 23 ސައިކަލަކާއި ހަތަރު ފުރޮޅުލީ 13 ވެހިކަލް ޓޯކޮށްފައިވެ އެވެ. އަދި ގަވާއިދާ ހިލާފަށް ޕާކްކޮށްގެން 776 ސްޓިކާ ޖަހާފައިވެ އެވެ.

މާލޭގައި 56 އެކްސިޑެންޓް މިދިޔަ ހަފްތާގައި ހިނގާފައިވާއިރު، އޭގެ ތެރެއިން 11 ފަރާތަކަށް އެކިވަރުގެ އަނިޔާވެފައިވެ އެވެ. އަދި ހިނގި އެކްސިޑެންޓްތަކާ ގުޅިގެން 16 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވެ އެވެ.

މިދިޔަ ހަފްތާގައި ތެރޭ 417 ސައިކަލް ހުއްޓުވައި ބަލައި ފާސް ކުރި އެވެ. މީގެ ތެރެއިން ލައިސަންސް ނެތި ސައިކަލު ދުއްވި، 99 މީހަކާއި ލައިސަންސް އޮވެ، ލައިސަންސް ނުލައި ސައިކަލް ދުއްވި 57 ފަރާތަކަށް ފިޔަވަޅު އެޅި އެވެ.

މަގުމަތީގެ އާއްމު ގަވާއިދުގައި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވައިގެން 14 ފަރާތަކަށާއި 18 އަހަރު ނުފުރެނީސް ސައިކަލް ދުއްވި ދެ ކުއްޖަކަށް ފިޔަވަޅު އެޅި ކަމަށް ވެސް ފުލުހުން އާއްމު ކުރި ހިސާބުތަކުގައިވެ އެވެ.

މީގެ އިތުރުން އަހަރީ ފީ ނުދައްކާ އުޅަނދު ދުއްވި 34 މީޙެއްގެ މައްސަލައާ ރޯޑް ވާދިނަސް ނަހައްދާ ދުއްވި 33 މައްސަލައަކާއި އިންޝުއަރެންސް ނެތި ދުއްވި 28 މައްސަލައެއް ވެސް ފުލުހުން އާއްމު ކުރި ހިސާބުތަކުގައިވެ އެވެ.