ހަބަރު

ދުވަސްގަނޑަކަށް ފަހު ކެބިނެޓް ބައްދަލުވުމެއް ބާއްވައިފި

Jul 16, 2015

ގިނަ ދުވަސްތަކަކަށް ފަހު ރައީސް އަބްދުﷲ ޔާމީން ކެބިނެޓް ބައްދަލުވުމެއް މިއަދު ބާއްވަވައިފި އެވެ.

މިއަދު ހެނދުނު 10:30 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ހުރިހާ ކެބިނެޓް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންފައިވެ އެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވި ގޮތުގައި އެ ބައްދަލުވުުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، މިނިވަން 50 ގެ ތައްޔާރީތަކާއި އެދުވަހުގެ އިހުތިފާލާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް އެ ބައްދަލުވުުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންތައްތަކެއް މުއާޒު ވިދާޅެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީން އާންމުކޮށް ކެބިނެޓް ބައްދަލުވުން ނުބާއްވަވަ އެވެ. ކެބިނެޓް ބައްދަލުވުމުގެ ބަދަލުގައި ކެބިނެޓް މަސައްކަތްތައް ބަހާލާފައި ވަނީ އިކޮނޮމިކް ކައުންސިލާއި ސޯޝަލް ކައުންސިލްގެ މައްޗަށެވެ. އަދި އެ ދެ ކައުންސިލްގެ ހިމެނޭ ކެބިނެޓް މިނިސްޓަރުން ކޮންމެ ދުވަހަކު ބައްދަލުވެ، އެ ކައުންސިލްތަކުގެ ނިންމުންތައް ސީދާ ރައީސްއަށް އަންނަނީ ރިޕޯޓް ކުރަމުންނެވެ.

އިކޮނޮމިކް ކައުންސިލް ބަލަހައްޓަވަނީ، ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އަދި ސޯޝަލް ކައުންސިލް ހަވާލު ކުރައްވާފައި އޮތީ، ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށެވެ. ނަމަވެސް އެމަނިކުފާނު އެ ކައުންސިލް ނުހިންގަވާ ކަމުގެ ޝަކުވާތައް އޮތީ ބޮޑުވެފަ އެވެ.