ހަބަރު

މިނިވަން 50 ގެ ޝަރަފުވެރި އައްޑަނަ ރައީސް ނާސިރާއި ރައީސް މައުމޫނަށް

Jul 16, 2015

މިނިވަން 50 ގެ ޝަރަފުގެ އައްޑަނަ ދެ ބޭފުޅަކަށް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

އައްޑަނަ ދެއްވަން ރައީސް ނިންމެވި ބޭފުޅުންނަކީ، އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްކުރެއްވި، މިހާރު އަވަހާރަވެފައިވާ، ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށެވެ. އެ ބޭފުޅުންނަށް ރައީސް ޝަރަފުގެ އައްޑަނަ ހަވާލުކޮށްދެއްވާނީ، ޖުލައި 26 ވަނަ ދުވަހުގެ ރޭ އުސްފަސްގަނޑުގައި ބާއްވާ ރިޔާސީ ދަރުބާރުގައި ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ، ނާސިރަށް އައްޑަނަ ދެއްވުމަށް ރައީސް ނިންމެވީ ރާއްޖެ މިނިވަން ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ނާސިރު ކުރައްވާފައި ވާތީ އެކަމުގެ ހައްގު ޝަރަފާއި ލަގަބު އެރުވުމަށް ކަމަށެވެ. އަދި ރައީސް މައުމޫނަށް އެ ޝަރަފު އަރުވަނީ ނާސިރު ހޯއްދަވައި ދެއްވި މިނިވަންކަން ދެމެހެއްޓުމަށް 30 އަހަރު ވަންދެން އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.

"މިއީ ރާއްޖެ މިނިވަންކަމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ބޭފުޅުންނަށް ހައްގު ޝަރަފު އެރުވުމަށް ރައީސް ދެއްވާ ލަގަބެއް،" މުއާޒު ވިދާޅުވި އެވެ.

މިނިވަން 50 ގެ ރިޔާސީ ދަރުބާރުގައި ބޭރުގެ 100 އަށް ވުރެ ގިނަ އިއްޒަތްތެރިންނާ އެކު 1000 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މުއާޒު ވިދާޅުވީ މިނިވަން 50ގެ ތައްޔާރީތަށް ރޭވިފައިވާ ގޮތަށް ކުރިއަށް ދާ ކަމަށެވެ. އަދި އެ ދުވަހުގެ އުފާ ހުރިހާ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ކުރެވެން ހުރި މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.