ވިޔަފާރި

ދައުލަތަށް ލިބެން ޖެހޭ 387 މިލިއަން ރުފިޔާ މީރާ އިން ހޯދައިފި

May 15, 2019

ދައުލަތަށް ލިބެން ޖެހޭ 387 މިލިއަން ރުފިޔާ، ނިމިދިޔަ ކްއާޓަރުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ބުނީ ނިމިދިޔަ ކުއާޓަރުގައި ދައުލަތަށް ލިބެން ޖެހި ނުލިބި ހުރި ފައިސާގެ ތެރެއިން ހޯދާފައިވަނީ، ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދީގެން ހޯދި 205 މިލިއަން ރުފިޔާ އާއި ހަނދާން ކޮށްދީގެން ރިމައިންޑާ ކޯލްސް އަދި އީމެއިލްސްގެ ގޮތުގައި ހޯދި 124 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން މީރާ އިން ވަނީ ޑިއުޒް ކްލިއަރަންސްގެ ގޮތުގައި މުއްދަތު އިތުރުކޮށް ދީގެން 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފަ އެވެ. އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ހޯދި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދިއިރު، ލީގަލް އެކްޝަންގެ ނަގައިގެން 544،564ރ. ހޯދާފަ އެވެ.

މީރާ އިން މިދިޔަ ކުއާޓަރުގައި 204 އޮޑިޓް ކޮށް 184.4 މިލިއަން ރުފިޔާ އިތުރަށް ދައްކަން އަންގާފައިވެ އެވެ. އަދި 15 ފަރާތަކުން އެ ކަމަށް އިއުތިރާޒުކޮށްފައިވެ އެވެ. މި މުއްދަތުގައި 16 މައްސަލައެއް މީރާއާ އެއްކޮށް ވަނީ ނިމިފަ އެވެ. އަދި 13 މައްސަލަ މީރާއާ ދެކޮޅަށް ދައުވާ އުފުލާފައިވެ އެވެ.