ހަބަރު

އަފީފުއްދީން ސްކޫލްގެ އާ އިމާރާތް އަޅަން 4.4 މިލިޔަން ރުފިޔާއަށް އައިލެންޑް ލައިންއަށް

Jul 16, 2015

ހދ. ކުޅުއްދުއްފުށީ އަފީފުއްދީން ސްކޫލްގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 4.4 މިލިޔަން ރުފިޔާއަށް އައިލެންޑް ލައިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު މެންދުރު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު އެއްބަސް ވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް އެވެ. އައިލެންޑް ލައިން ކޮންސްޓްރަކްޝަނުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަދީޖާ އުމައިލާ އެވެ.

އަފީފުއްދީން ސްކޫލްގައި އަލަށް އަޅަނީ ތިން ބުރީގެ އިމާރާތެކެވެ. އާ އިމާރާތުގައި ނުވަ ކަލާސް ރޫމާއި ފާހާނަ ބްލޮކެއް އަޅާނެ އެވެ.

އިބްރާހިމް އިސްމާއީލް މިއަދު ވިދާޅުވީ އަފީފުއްދީން ސްކޫލްގެ އާ އިމާރާތެއް އަޅަން ނިންމީ އެ ސްކޫލްގައި ކިޔަވާކުދިންނަށް އެކަށީގެންވާ ޖާގަ ނެތުމުން ކަމަށާއި އާއިމާރާތް އެޅުމުން ޖާގައިގެ މައްސަލަ ހައްލުވެ ސްކޫލްގެ ދަރިވަރުންނަށް ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަކަށެވެ.

ކުޅުދުއްފުށީގެ އެ ސްކޫލްގައި ކިޔަވަމުން ދަނީ 534 ދަރިވަރުންނެވެ. އަފީފުއްދީން ސްކޫލް ހުޅުވީ ޖުލައޮ 25، 2004 ގައެވެ.