ދުނިޔެ

ކަނޑުގެ އެންމެ ފުނުންވެސް ފެނުނީ ޕްލާސްޓިކް!

އިންސާނުންގެ ތާރީހުގައި ކަނޑުގެ އެންމެ ފުނަށް މިހާތަނަށް ކުރި ފުރަތަމަ ދަތުރުގައި ވެސް އިންސާނުން އުކާފައިވާ ކުނި ފެނިއްޖެކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުނި ފެނިފައިވަނީ ޓެކްސަސްގެ އިންވެސްޓަރެއް ކަމަށްވާ ވިކްޓާ ވެސްކޮވޯ ދުނިޔޭގެ ކަނޑުގެ އެންމެ ފުން ސަރަހައްދު ކަމަށް ބަލާ ޕެސިފިކް ކަނޑުގެ މެރިއާނާ ޓްރެންޗް އަޑިއަށް ސަބްމެރީނެއްގައި ކުރި ދަތުރެއްގަ އެވެ.

މެރިއާނާ ޓްރެންޗްގެ 10،928 މީޓަރު އަޑިއަށް ސަބްމެރީންގައި ކުރި ދަތުރުގައި ފެނިފައި ވަނީ ޕްލާސްޓިކް ކޮތަޅަކާއި މެޓާ ކަރުދާސްތަކެއް ކަމަށް ވެސްކޮވޯގެ ދަތުރު އިންތިޒާމްކުރި ފަރާތުން ބުނެ އެވެ.

މެރިއާނާ ޓްރެންޗްގެ އަޑިއަށް ކުރި ދަތުރުގައި މީގެ ކުރިން 1960 ގައި ކުރި ދަތުރުގައި ގޮސްފައިވާ ފުންމިނަށްވުރެ 16 މީޓަރު އަޑިއަށް ގޮސްފައި ވެއެެވެ.

މީގެ ކުރިން ވެސް ދުނިޔޭގެ ކަނޑުތަކުގެ ފުން ހިސާބުތަކުން އިންސާނުން އުފައްދާފައިވާ އެކި ބާވަތުގެ ކުނި ފެނިފައިވީނަމަވެސް އެހާ އަޑިއަށް ކުރި ފުރަތަމަ ދަތުރުގައި ވެސް ޕްލާސްޓިކް ކޮތަޅާއި މެޓާ ކަރުދާސްތަކެއް ފެނުމުން އެކަމާއި މާޔޫސްވި ކަމަށް ވެސްކޮވޯ ބުންޏެވެ.

ޕްލާސްޓިކް ކުނީގެ 100 މިލިއަން ޓަނު ކުނި ދުނިޔޭގެ ކަނޑުތަކަށް އުކާލެވިފައިވާ ކަމަށް އދ. އިން އަންދާޒާ ކުރެއެވެ. އަދި އޭގެ ސަބަބުން ކަނޑުގެ ދިރުމަށް ކުރާ ނޭދެވޭ އަސަރު އިތުރުވަމުން ދާއިރު ކަނޑުން ބާނާ މަހުގެ ބަނޑުން ވެސް ގިން އަދަދަކަށް ޕްލާސްޓިކް ފެންނަމުން ދެއެވެ.