ހަބަރު

އާ ނައިބު ރައީސްއަށް ރުހުން ދިނުން އަވަސް ކުރަން މަޖިލީހުގެ ގަވާއިދަށް ބަދަލުގެނެސްފި

Jul 16, 2015

ނައިބު ރައީސް ކަމުގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމަށް ރައީސް ހުށަހަޅުއްވާ ނަމަކާ މެދު މަޖިލީހުގައި ބަހުސް ކުރަން ޖެހޭނީ އެއް ގަޑިއިރު ކަމަށް ހަމަޖެއްސުމަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން އާންމު ކޮމިޓީ އިން މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާ މިއަދު ހުށަހެޅުއްވި އެ އިސްލާހާ މެދު މަޖިލީހުގެ އާންމު ކޮމިޓީގައި މިއަދު މަޝްވަރާ ކުރެއްވުމަށް ފަހު އެ އިސްލާހު ފާސްވީ ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އަދި މީގެ އިތުރުން ރައީސް ފޮނުއްވާ ނަންފުޅަކަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކޮށް ވޯޓަށް އަހަން ވާނީ އެ މައްސަލައިގެ ކޮމިޓީގެ ރިޕޯޓް މެންބަރުންނަށް ފޮނުވާތާ ތިން ދުވަހުގެ ތެރޭގައި ކަމަށް ވީ ނަމަވެސް، އެ މާއްދާ ބަދަލުކޮށް، މެންބަރުންނަށް ރިޕޯޓް ފޮނުވާ ދުވަހު ވެސް އެ މައްސަލައިގައި ވޯޓަށް އެހޭނެ ގޮތަށް ގަވާއިދު މިއަދު ވަނީ އާންމު ކޮމިޓީ އިން އިސްލާހުކޮށްފަ އެވެ.

ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ކުރިއަށް ގެންދާ އިދާރީ އުސޫލުތަކަށް ވެސް ބަދަލު ގެނެސް، މަޖިލީހުގެ ގަވާއިދު ވަނީ މީގެ ކުރިން މަޖިލީހުން އިސްލާހުކޮށްފަ އެވެ. މަޖިލީހުގެ ގަވާއިދަށް ގެންނަން ކޮމިޓީ އިން ނިންމާ އިސްލާހުތަކަށް އަމަލު ކުރެވޭނީ މަޖިލީހަށް ހުށަހަޅާ ފާސްކޮށްގެންނެވެ.

ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް އަންނަ ހޯމަ ދުވަހުގެ ޖަލްސާގައި ބާއްވާ އިރު، އަލަށް ގެންނަ އިސްލާހުތަކަށް އެ ޖަލްސާގައި ވޯޓަށް އަހާނެ ކަމަށް ބެެލެވެ އެވެ.