ދުނިޔެ

ލަންކާ މުސްލިމުންނަށް ދޭ ހަމަލާތަކުގެ ތުހުމަތު ބުޑިސްޓު ގްރޫޕްތަކަށް

May 16, 2019
1

ކޮލޮމްބޯ (މެއި 16) - މިދިއަ ހޯމަ ދުވަހުން ފެށިގެން ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް އެކި ހިސާބުތަކުގައި ދެމުންދާ ހަމަލާތަކުގެ ތިބީ ހަރުކަށި ފިކުރުގެ ބުޑިސްޓު ގްރޫޕުތައްކަމަށް ބެލެވޭކަމުގައި އެގައުމުގެ ފުލުހުން ބުނެފި އެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން މިދިއަ މަހު ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ގިނަ ބައެއްގެ ރުޅިވެރިކަން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން، އެކި ހިސާބުތަކުގައި މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ގުރޫޕުތަކުން ނުކުމެ ގެއްލުންދީ ލޫޓުވަމުންދާއިރު، އެ ހަމަނުޖެހުންތަކުގައި މިހާތަނަށް މުސްލިމު ފިރިހެނެއް ވަނީ މަރާލައިފަ އެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 60 މީހުން ހައްޔަރުކޮށްފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ކަނާތުފިޔައިގެ ބުޑިސްޓް ގުރޫޕެއްގެ އިސް ތިން މީހުންވެސް ހިމެނެ އެވެ. އެ މީހުންނަކީ މިދިއަ އަހަރު ކެންޑީގައި ހިނގި ހަމަ އެފަދަ ހަމަނުޖެހުންތަކުގެ ތުހުމަތު ކުރެވޭ ބައެއްކަމަށްވެ އެވެ.

"މިއީ ހަމަ ވަރަށް ރޭވިގެން މުސްލިމުންގެ ގެތަކާއި ވިޔަފާރިތަކަށް ދެމުންދާ ހަމަލާތަކެއް،" ސެކިޔުރިޓީ ހަލާތާއި ގުޅޭގޮތުން ޕްލާންޓޭޝަން އިންޑަސްޓްރީސް މިނިސްޓަރު ނަވީން ޑިސަނަޔަކަ އިއްޔެ ނޫސްވެރިންނަށް ވިދާޅުވި އެވެ. އަދި އެ ހަމަލާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ މިހާރު ހައްޔަރުކޮށްފައިވާ ތިބި ގްރޫޕުތަކުގެ ތިން ލީޑަރުންކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ގުރޫޕުތަކުން ނުކުމެ ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާނީ މުސްލިމުންގެ އާބާދީ ބޮޑު ހުޅަނގު ދެކުނު ސަރަހައްދަށެވެ. ހޯމަ ދުވަހުގެ ހަމަލާތައް ހުއްޓުވަން ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ގައުމާ މުހާތަބުކުރައްވައި، އަމަން ނަގާލަން މަސައްނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން، ބޮމުގެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ކުރަމުންދާ ތަހުގީގަށް ހުރަސް އެޅޭނެކަމަށް ރަނިލް ވަނީ ވިދާޅުވެފަ އެވެ.

ހާލަތު އިތުރަށް ގޯސްވިއަ ނުދޭން ހަމަލާތަކުގެ ފަހަތުގައި ތިބި މީހުންނަށް ހައްގު އަދަބުދޭން އދ. އިން ވަނީ ލަންކާ ސަރުކާރަށް ގޮވާލައިފަ އެވެ.

ލަންކާގެ 22 މިލިއަން މީހުންގެ އާބާދީގެ 10 ޕަސަންޓަކީ މުސްލިމުންނެވެ. އަދި މިދިއަ މާޗު މަހު ވެސް ބުޑިސްޓުން އިސްވެ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ސަރުކާރުން ވަނީ ކުއްލި ހާލަތުވެސް އިއުލާނުކުރަންޖެހިފަ އެވެ.