ވިޔަފާރި

އަތޮޅު ފިހާރަ ފައިސާ އަތޮޅު ކައުންސިލްތަކާ ހަވާލު ކުރަނީ

މާލޭގައި ހުރި އަތޮޅު ފިހާރަތަކުގެ ފައިސާ ހަވާލު ނުކުރާތާ ހަތަރު އަހަރަށް ފަހު، އަތޮޅު ކައުންސިލް ތަކުގެ އެކައުންޓަށް ފައިސާ ޖަމާކޮށް ދޭން ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

މާލޭގައި ހުރި އަތޮޅު ފިހާރަ ތަކަކީ ކައުންސިލް ތަކަށް ކުލީގެ 50 ޕަސެންޓް ލިބޭ ގޮތަށް ކުއްޔަން ދީފައިވާ ފިހާރަ ތަކެކެވެ. އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރު އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އަތޮޅު ފިހާރަތަކުގެ ފައިސާގެ ތެރެއިން ކައުންސިލް ތަކަށް ފުރަތަމަ ޖަމާ ކުރާނީ 2015 ވަނަ އަހަރުން ފެށިގެން ހުރި ފައިސާ ކަމަށެވެ. މި ހަފުތާ 16 އަތޮޅު ކައުންސިލަކަށް 12 މިލިއަނަށް ވުރެ ގިނަ ފައިސާ ޖަމާކޮށްދީފައިވާނެ ކަމަށާ، ފައިސާ ޖަމާކޮށް ނުދެވި ހުރި ހަތަރު އަތޮޅު ކައުންސިލަށް ފައިސާ ޖަމާކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަތޮޅު ކައުންސިލް ތަކަށް ފައިސާ ލިބޭނެ ގޮތް ވަރަށް މަދު ކަމަށާ، އަތޮޅު ފިހާރަ ތަކަކީ މުހިންމު ވަސީލަތެއް ކަމަށެވެ.

"ސަރުކާރުގެ ވައުދެއް ކައުންސިލްތަށް ބާރުވެރި ކުރުވުމަކީ. ބާރުވެރި ކުރުވުމުގެ އެންމެ މުހިންމު ބަޔަކީ މާލީ ގޮތުން ފުދުންތެރި ބަޔަކަށްވުން. އެގޮތުން ބަލާއިރު އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބި އޮތުމަކީ ކައުންސިލްތަކުގެ ކަންބޮޑުވުމެއް. އެހެންވެ ނުލިބިހުރި ފައިސާ ދޭން ފެށީ،" މިނިސްޓަރު ވިދާޅުވި އެވެ.