ހަބަރު

ޕީޕީއެމް ނޫން ޕާޓީތަކަށް ފައިސާ ދޫކުރަން ފޮނުވައިފި

މި އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް ނޫން އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފި އެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މި އަހަރުގެ ބަޖެޓުން ފައިސާ ލިބެނީ އެމްޑީޕީ އާއި ޕީޕީއެމާއި ޖޭޕީ އަދި އެމްޑީއޭއަށް ކަމަށެވެ. އަދި އެ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ އާއި ޖޭޕީ އަދި އެމްޑީއޭއަށް ފައިސާ ދޫކުރަން އެދި ފިނޭންސްއަށް ފޮނުވާފައިވާނެ ކަމަށެވެ.

އީސީ އިން ކުރި ޓްވީޓް

ޕީޕީއެމަށް ފައިސާ ދިނުން މަޑުޖައްސާލީ ކީއްވެތޯ ސުވާލު ކުރުމުން އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އެ ޕާޓީއަށް ފައިސާ ނުދީ މަޑުކޮށްލީ ޕީޕީއެމްގެ އަހަރީ ރިޕޯޓުގައި ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައް ހުރުމުން ކަމަށެވެ. އަދި އެކަން އިސްލާހު ކުރުމަށް ފަހު އީސީއަށް ހުށަހެޅިހާ އަވަހަކަށް ފައިސާ ދޫކުރަން ފިނޭންސްއަށް ފޮނުވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ފަހަކަށް އައިސް ގިނަ ޕާޓީތަކެއް ރަޖިސްޓާކޮށްފައިވާ އިރު އެއިން އެއްވެސް ޕާޓީއަކަށް އަދި މިހާތަނަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވިފައެއް ނުވެ އެވެ.