ވިޔަފާރި

ކިހާ މޯލްޑިވްސްގައި 10 ކޮޓަރީގެ ބޮޑު ރެސިޑެންސެއް ހުޅުވައިފި

ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ރެސިޑެންސް، 10 ކޮޓަރިއާއެކު ކިހާ މޯލްޑިވްސްގައި ހުޅުވައިފި އެވެ.

ކިހާ މޯލްޑިވްސް އިން ބުނީ "ކިހާ ސިގްނޭޗާ ރެސިޑެންސް" ގެ ނަމުގައި ހުޅުވި މި ހާއްސަ ރެސިޑެންސް ހަދާފައި ވަނީ އެ ރަށުގެ ފެހިކަން ގަދަ ހިސާބެއްގަ އެވެ. މި ރެސިޑެންސުގައި 10 ކޮޓަރި ހުންނައިރު މިތަން ހަދާފައިވަނީ މި ތަނަށް ދާ މީހުންނަށް ފަސޭހަަކަމާއެކު ސުވިމިން ޕޫލުގެ ބޭނުން ކުރެވޭ ގޮތަށެވެ.

ފަސް ތަރީގެ އެންމެ ފެންވަރު ރަނގަޅު ހިދުމަތް ލިބޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ރެސިޑެންސު ފަރުމާ ކޮށްފައި ވަނީ މިތަނަށް ދާ މީހުންނަށް ވީހާ ބޮޑަކަށް ޕްރައިވެސީ ލިބޭނެ ގޮތަކަށެވެ. އަދި ރާއްޖޭގެ ރަށެއްގެ ރީތިކަން އިހުސާސް ކުރެވޭ ގޮތަށެވެ.

ކިހާ މޯލްޑިވްސް އިން ބުނި ގޮތުގައި ކިހާ ސިގްނޭޗާ ރެސިޑެންސަށް ދާާ މެހުމާނުންނަށް އިންފިނިޓީ ސުވިމިން ޕޫލް އާއި އައުޑްޑޯ ޖަކޫޒީ އަދި ލަގްޒަރީ ޔޮޓެއްގައި މަޑުކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މީގެ އިތުރުން ޕްރައިވެޓް ބީޗާއި ކިހާ ސްޕާގެ ހިދުމަތުގެ އިތުރުން ޖިމާއި ސައުނާ އަދި ސްޓީމް ކޮޓަރިއެއް ވެސް ހުންނާނެ އެވެ.

ޔުނެސްކޯއިން ހިމާޔަތް ކޮށްފައިވާ ބަޔޮސްފިޔާ ރިޒާވް ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ކިހާ މޯލްޑިވްސްއަކީ ތަފާތު އެކި ދަރަޖަތަކުގެ 124 ވިލާ ހުންނަ ރިސޯޓެވެ.