މީހުން

ދަނގެތީ ތިމާވެށީގެ ބައިވެރިޔާ!

May 18, 2019
1

ތިމާވެއްޓަށް ލޯބި ކުރާ ތިމާވެށީގެ ޗެމްޕިއަނުން ބައިވަރެވެ. މަދީ ތިމާވެށި ހިމާޔަތް ކުރަން އަމަލީ ގޮތުން މަސައްކަތް ކުރާ މީހުނެވެ. އެކަމަކު މިއީ ތިމާވެށި ދެކެ ލޯބިވާ މީހެކެވެ. ތިމާވެށި ހިމާޔަތް ކުރަން އިސްނަގައި އަބަދު އެ މަސައްކަތް ކުރާ ޒުވާނެކެވެ.

އިބްރާހިމް ފަރުޝާން އޭނާގެ ސްކޫލް ދައުރުން ފެށިގެން ވެސް އެންމެ ސަމާލުކަން ދިނީ އުފަން ރަށް އދ. ދަނގެތި ސާފުކޮށް ބާއްވައިދޭށެވެ. އަބަދުވެސް ރަށުތެރެ ކުނިކަހާ ސާފު ކުރާ ނަމަ އޭނާ ބައިވެރިވެ އެވެ.

ތިމާވެއްޓަށް އެހީވާން ފުރިހަމަ އަދި އަމަލީ މަސައްކަތެއް ކުރަން އޭނާއަށް މިތާނަށް ހުރަސް އޮތް ނަމަވެސް ގައުމީ ބޭންކް، ބީއެމްއެލް އޮތީ މިހާރު ފަރުހާންގެ އަތުގައި ހިފައިގެނެވެ. ބޭންކުން ކުރިއަށް ގެންދިޔަ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް" ކާމިޔާބުވީ ފަރުޝާންއެވެ.

ފަރުޝާން ވަނީ ދަނގެތީގެ ހުރިހާ ގެއަކާއި ގެސްޓްހައުސް ތަކަށް ފޮތި ކޮތަޅު ބަހަން ނިންމާފަ އެވެ. އޭނާގެ އަޒުމަކީ ދަނގެއްޗަކީ "ޕްލާސްޓިކް ކޮތަޅު ފްރީ" އައިލެންޑަކަށް ހެދުމެވެ.

"ރަށަށް އައިސް އުޅޭއިރު ޕްލާސްޓިކް ކޮތަޅު ރަށު ތެރޭގައި އުކާލާފަ ހުއްޓާ ފެންނަނީ. އެހެންވެ ހިތަށް އަރަނީ ކޮން ދުވަހަކުން ބާއޭ މި ތަކެތި ނުފެންނާނީ. ނުފެންނަމަ ހާދަ ރަށުތެރެ ސާފު ވާނެއޭ. އެހެންވެ އެ ހިޔާލުގައި ހުއްޓާ މި ފުރުސަތު ގައުމީ ބޭންކުން ހުޅުވާލި ތަނުން ކުރިމަތިލައިގެން މި ފުރުސަތު ލިބުނީ،" ދަނގެއްޗަކީ ޕްލާސްޓިނުން ރައްކާތެރިވެފައިވާ ރަށަކަށް ހަދަން އުންމީދުގައި ހުރި އުމުރުން 24 އަހަރުގެ ފަރުޝާން ބުންޏެވެ.

ތިމާވެއްޓަށް ފަރުހާން ލޯބި ޖެހުނީ މިއަދަކު ނޫނެވެ. ރާއްޖޭގެ ތިމާވެށީގެ ނާޒުކު ކަމުގެ މައްޗަށް ސްކޫލްގައި ވެސް އޭނާ ވިސްނަން ފަށައިފި އެވެ. އޭރުވެސް އަމަލީ ގޮތުން ކުރެވެން އޮތް ކަމެއް ކުރި އެވެ.

"ކިޔެވިއިރު ރައްޓެހިންނާއެކު މޫދަށް ގޮސް އުޅޭއިރު ޕްލާސްޓިކް ކޮތަޅުތައް ނަގަން އަބަދުވެސް، އެއްވެސް ވަރަކަށް ސަޕޯޓް ކުރާ ކަމެއް ނޫން މި މޫދަށް ކުނި އެޅުމަކީ. އެކަމަކު އޭރު މީހުން ކުނި އަޅަނީތާ. ވެދާނެ ހޭލުންތެރި ނުވާތީ ކަމަށް ވެސް،" އޭނާ ބުންޏެވެ.

ފަރުޝާން ގަބޫލު ކުރާ ގޮތުގައި ތިމާވެށީގެ ހާލަތު ބަދަލު ކުރެވޭނެ އެވެ. ބޭނުންވަނީ އިސްނަގައިގެން ކުރާ މަސައްކަތާއި ލީޑަޝިޕެވެ.

ދަނގެއްޗަކީ ގިނަ އަދަދަކަށް ބޭރު މިހުން އަރައި ފައިބާ ރަށަށްވާތީއާވެސް އެކު ފަރުޝާންގެ އަމާޒަކީ ރަށް ރީތި ވުމާއެކު ރަށަށް ރީތި ނަން ލިބޭނެ ކޮންމެވެސް ކަމެއް ކުރުމެވެ.

"އުންމީދަކީ ރަށުގެ ރައްޔިތުން މިކަން ބަލައި ގަތުން. ކުރި އަށް އޮތް ދުވަސްތަކުގައި ކުޑަކުދިންނަށް ވެސް ތިމާވެށީގެ މުހިންމުކަން އުނގަންނައި ދިނުން. ޓޫރިޒަމް ދާއިރާއިން ކިޔެވިއިރު އެނގިގެން ދިޔަ މީގެ ސަބަބުން މި ދާއިރާ އަށް ކުރާނެ އަސަރު،" އޭނާ ބުންޏެވެ.