ޖިންސީ ގޯނާ

ދެ ބޭބެ ކޮއްކޮއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

ދެ ބޭބެއިން ވެގެން ކޮއްކޮއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލައި ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާއިން ފެށީ އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތަހުގީގެއް ކަމަށެވެ.

މި މައްސަލައާބެހޭ ގޮތުން ގިނަ މައުލޫމާތުތައް އަދި ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހެޅީ މަހުގެ 10 ވަނަ ދުވަހުރޭ އަތޮޅުތަކުގެ ރަށަކުން ކަމަށެވެ. ނަމަވެސް އެއީ ކޮން އަތޮޅެއްގެ ކޮން ރަށެއްގެ ކުއްޖެއް ކަމެއް ވެސް އެއީ ކޮން ޖިންސެއްގެ ކުއްޖެއް ކަމެއް ވެސް ނުބުނެ އެވެ.

ހަމައެކަނި ބުނީ މި މައްސަލާގައި ތުހުމަތު ވަނީ އެ އަންހެން ކުއްޖާގެ ދެ ބޭބެއަކަކަށް ކަމަށެވެ. އެއީ ވެސް ކުޑަ ދެ ކުދީންނެވެ. އޭގެ ތެރެއިން އެއް ބޭބެގެ އުމުރަކީ 16 އަހަރެވެ. އަނެއް ބޭބެގެ އުމުރަކީ 13 އަހަރެވެ.

މިއީ ކުޑަދިންތަކެއް ހިމެނޭ މައްސަލައަކަށްވާތީ ފުލުހުން މި މައްސަލަ ބަލަމުން ގެންދަނީ ޖެންޑާ މިނިސްޓްރީއާ ވެސް ގުޅިގެނެވެ.