ފިނިޕޭޖް

ގޯ ސެޓް އަ ވޮޗްމަން: ހާޕާ ލީގެ އާ ފޮތް ކިޔާލަން ލިބިއްޖެތަ؟

މިދިޔަ އަންގާރަ ދުވަހު ބާޒާރަށް ނެރުނު މި ފޮތް ހާއްސަވަނީ ކިހިނެތް ހެއްޔެވެ؟ ހާޕާ ލީގެ ފޮތަކަށްވީމަ އެވެ. އަދި އޭނާގެ ހަޔާތުގައި ޝާއިއުކުރި ހަމައެކަނި ފޮތް ކަމުގައިވާ "ޓް ކިލް އަ މޮކިންބާޑް" ގެ ސީކުއެލްއަކަށް މި ފޮތް ވީމަ އެވެ.

ލިޔުންތެރިކަމުގެ އޮސްކާއޭ ބުނެވޭ، ޕުލިޓްޒާ ޕްރައިޒް ހާސިލުކުރި "ޓް ކިލް އަ މޮކިންބާޑް" އަށް ފަހު މިދިޔަ އަންގާރަ ދުވަހާ ހަމަ އަށް ހާޕާ ލީގެ ފޮތެއް ކިޔުންތެރިންނާ ހަމަ އަށް ނުކުމެފައެއް ނުވެ އެވެ. މިހާރު އުމުރުން 89 އަހަރު ފުރިފައިވާ ލީ މިއޮތްހާ ދުވަހު ބުނަމުން ދިޔައީ ދެ ވަނަ ފޮތެއް ކިޔުންތެރިންނާ ހަމަ އަށް ގެނެސްދިނުމުގެ ވިސްނުމެއް އޭނާ ނުގެންގުޅޭ ކަމަށެވެ.

އެފަދަ ދެ ވަނައެއް ނެތް ލިޔުންތެރިޔަކަށް އޭނާ ބަދަލުކޮށްލި މަޝްހޫރު ވާހަކަ "ޓް ކިލް އަ މޮކިންބާޑް" ޝާއިއުކުރީ 1960 ވަނަ އަހަރު އެވެ. "ގޯ ސެޓް އަ ވޮޗްމަން" ގައި ކިޔައި ދެނީ އެ ފޮތުގައި ހިނގި ހާދިސާތަކަށް 20 އަހަރު ފަހުން ހިނގާ ހާދިސާތަކެއްގެ ވާހަކަ އެވެ.

މިފޮތް "ޓް ކިލް އަ މޮކިންބާޑް" ގެ ސީކުއެލްއެއްގެ ގޮތުގައި މީޑިއާގައި ޕްރޮމޯޓްކޮށްފައިވިޔަސް މި ފޮތަކީ "ޓު ކިލް އަ މޮކިންބާޑް" ގެ ކުރިން ހާޕާ ލީ ލިޔުނު ފުރަތަމަ ފޮތެވެ. ބުނެވޭ ގޮތުގައި މިއީ "ޓް ކިލް އަ މޮކިންބާޑް" ގެ ފުރަތަމަ ޑްރާފްޓް ވެސްމެ އެވެ. މި ވާހަކަ ޕަބްލިޝާ އަށް ކަމުނުގޮސްގެން އެކި އުނިއިތުރުތައް ގެންނަމުން ގޮސް އެންމެފަހުން "ޓް ކިލް އަ މޮކިންބާޑް" އުފެދުނީ ކަމަށް ބުނެވެ އެވެ.

ކޮންމެއަކަސް "ގޭ ސެޓް އަ ވޮޗްމަން" އަކީ ހާޕާ ލީގެ ފޭނުން އެ ފޮތަކަށް ފޫހިވާނެ ފޮތެއް ކަމަކަށް ނުބެލެވެ އެވެ.

ޔޫކޭގެ ބާޒާރަށް މި ފޮތް ނެރުނު ފުރަތަމަ ދުވަހު 105،000 ކޮޕީސް ވިކިފައިވާއިރު މި ފޮތުގެ ވިޔަފާރި އެހެން ގައުމުތަކުގައި ވެސް އަދި އޮންލައިންކޮށް ވެސް ދަނީ ނިކަން ގަދަ އަށް ކުރިއަށެވެ.

ހާޕާ ލީގެ "ޓް ކިލް އަ މޮކިންބާޑް" އަކީ 20 ވަނަ ގަރުނުގެ އެންމެ މޮޅު ވާހަކަތަކުގެ ތެރޭގައި ހިމެނޭ ފޮތެކެވެ. އެ ފޮތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައި ވަނީ ނަސްލީތަފާތުކުރުމުގެ މައްސަލަ އަށާއި ރޭޕްގެ މައްސަލައަކަށެވެ.