ދުނިޔެ

އަހަރެންގެ އަގަކީ 10 ބިލިއަން ޑޮލަރު: ޑޮނަލްޑް ޓްރަމްޕް

އެކަމަކު އެމެރިކާ އަށް އޭނާ އަކީ ލަދެކެވެ. ނުވަތަ ސިޔާސީ ބޮޑު ޖޯކެކެވެ. ރާއްޖެއިން ދުނިޔޭގެ މަސްރަހަށް ޝައުގުވެރިވާ މީހުން އެމެރިކާގެ މި ބިލިއަނަރު ސިފަކުރަނީ "ގާސިމެއް" ގެ ގޮތުގަ އެވެ. ނުވަތަ "އެމެރިކާގެ ރިޔާޒު ރަޝީދު" އެއްގެ ގޮތުގަ އެވެ.

އެހެންވީމަ މިވާ ގޮތް ވަރަށް ވެސް ސާފެވެ. އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ އެގައުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރު ޑޮނަލްޑް ޓްރަމްޕްގެ ޖޯކަކަށް ފަހު ޖޯކެއް މި ދަނީ އުފަންވަމުންނެވެ.

ނަމަވެސް އޭނާ އެ ވިދާޅުވަނީ އޭނާ އަކީ ޖޯކެއް ނޫން ކަމަށެވެ. އޭނާ އަކީ 10 ބިލިއަން ޑޮލަރުގެ ނަމެއް ކަމަށެވެ.

އެމެރިކާގައި އަންނަ އަހަރު ބާއްވާ ރިއާސީ އިންތިހާބުން ފުރުސަތު ހޯއްދެވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ޓްރަމްޕްގެ މާލީ ހިސާބުތައް މިދިޔަ ބުދަ ދުވަހު ވަނީ އެމެރިކާގެ ފެޑެރަލް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ. ނަމަވެސް އެފަރާތުން އަދި އޭނާގެ މިލްކިއްޔާތާ ބެހޭ މައުލޫމާތު އާންމުކޮށްފައެއް ނުވެ އެވެ.

ޓްރަމްޕްގެ ކެމްޕޭން ޓީމުން ފޮނިކަނޑަމުން ދަނީ އެމީހުންގެ ކެންޑިޑޭޓަކީ 10 ބިލިއަން ޑޮލަރުގެ ނަމެއް ކަމަށް ބުނެ އެވެ. މީގެ ތަފްސީލު ހޯދަން އެމެރިކާގެ ބައެއް މީޑިއާތަކުން މަސައްކަތްކުރި ނަމަވެސް އެ ފަރާތްތަކަށް ތަފްސީލު ފޯރުކޮށްދީފައެއް ނުވެ އެވެ.

ރިއާސީ ޓިކެޓް ކާމިޔާބުކުރައްވަން ބޭނުންވާ ފަރާތްތަކުގެ މާލީ ލިޔެކިޔުންތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. ޓްރަމްޕް އަކީ މީގެ ކުރިން ދުވަހަކު ވެސް ސަރުކާރުގެ މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ.

އޭނާގެ މިލްކިއްޔާތުގައި 10 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ބުނެ އޭނާގެ ކެމްޕޭން ޓީމުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕްގެ މިލްކިއްޔާތަކީ 4.1 ބިލިއަން ޑޮލަރެވެ.

އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ޑޮނަލްޑް ޓްރަޕް ވިދާޅުވެފައިވާއިރު އޭނާ އަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ޚާރިޖީ ސިޔާސަތުގެ ދާއިރާއިންނެވެ.

އެމެރިކާގެ ރިއާސީ ރޭހަށް ނުކުމެ ވަޑައިގަތުމަށް ޓްރަމްޕް 2012 ވަނަ އަހަރު ވެސް ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ހިޔާލު އަނބުރާ ގެންދެވީ އެވެ.