ދުނިޔެ

މެކްސިކޯގެ ޑްރަގް ލޯޑް ޖަލުން ފިލިގޮތަށް ވެސް ފިލްމެއް ހަދާވަރުވޭ!

Jul 18, 2015

ވަކީން ގުޒްމަން ނުވަތަ އެލް ޗާޕޯގެ ވަނަމުން މަޝްހޫރުވެފައިވާ މި މީހާ އަކީ މެކްސިކޯގެ އެންމެ ނުރައްކާ ބޮޑު އަދި އެންމެ މުއްސަނދި ޑްރަގް ކާޓެލްގެ ވެރިޔާ އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އެމެރިކާ އާއި މެކްސިކޯ އަށް އެންމެ ނުރައްކާ ބޮޑު ކާޓެލްގެ ވެރިޔާ، ގުޒްމަން މި ވަނީ އަނެއްކާވެސް ޖަލުން ފިލައިފަ އެވެ.

ކުރިން އޭނާ ޖަލުން ފިލިގޮތާ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. މިދިޔަ ހޮނިހިރު ދުވަހު އޭނާ، މެކްސިކޯގެ ހައި-ސެކިއުރިޓީ ޖަލަކުން ފިލާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމު "ޝޯޝެންކް ރިޑެމްޕްޝަން" ގައި އެކްޓަރު ޓިމް ރޮބިންސް ޖަލުން ފިލައިގެން ދިޔަ ފަދަ ގޮތަކަށެވެ.

ނަމަވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ކެމެރާ ހަރުކޮށްފައިވާ ޖަލު ގޮޅިއަކުން ގުޒްމަން ފިލައިގެން އެ ދިޔައީ ހޮލީވުޑްގެ ޕްރޮޑިއުސަރުންނާއި ސްކްރީންރައިޓަރުންގެ ހިޔާލަށް ވެސް ނާރައި އޮތް ހިސާބަކުންނެވެ. ފިލްމުތަކުގައި ފެންނަ "ޕްރިޒަން ބްރޭކް" ތަކަށް ގުޒްމަން އާއި އޭނާގެ ޓީމުން މި ވަނީ ނިކަން ފަސޭހަކަމާ އެކު ގޮންޖަހައިފަ އެވެ.

އެހެންވީމަ ހޮލީވުޑުން ގުޒްމަންގެ ވާހަކަ ބޮޑު ސްކްރީނަށް ނުގެނެސް ދޫކޮށްލާނެ ކަމަކަށް މިހާރަކު ގަބޫލެއް ނުކުރެވެ އެވެ.

މެކްސިކޯގެ މި ނުރައްކާތެރި ކުށްވެރިޔާ އެންމެ ފުރަތަމަ ޖަލުން ފިލީ 2001 ވަނަ އަހަރު އެވެ. އެފަހަރު އޭނާ ޖަލުން ފިލައިގެން ދިޔައީ ޖަލުގެ ގާޑުންތަކަކަށް ރިޝްވަތު ދިނުމަށް ފަހު، ލޯންޑްރީ އަށް ދާ އެއްޗެހި އުފުލާ ކާޓެއްގެ ތެރެއަށް އެރިގެންނެވެ.

އެފަހަރު އޭނާ ފިލީ 1993 ވަނަ އަހަރު ގުއާޓެމޭލާ އިން ހައްޔަރުކޮށް މެކްސިކޯގެ ހައި-ސެކިއުރިޓީ ޖަލެއްގައި ބަންދުކޮށްފައި ވަނިކޮށެވެ.

މިފަހަރު ގުޒްމަން ފިލިގޮތް، މީގެ ކުރިން މީސް މީހުން ޖަލުން ފިލި ހުރިހާ ގޮތަކަށް ވުރެ ވެސް ތަފާތެވެ. އަދި އޭނާގެ އެސްކޭޕް އުޅެނީ ޓެކްނޮލޮޖީގެ ގޮތުން ވެސް މާ ކުރީގަ އެވެ.

ޖަލުގައި ބަންދުކޮށްފައި ހުރި ގޮޅިން ގުޒްމަން ގެއްލިއްޖެ ކަން އެނގުމާ އެކު ކުއްލި ހާލަތަށް ގެނެސް އޭނާގެ ގޮޅި ފާސްކުރިއިރު އެންމެ ފުރަތަމަ ފެނުނީ، ފެންވަރަން ގާއިމުކޮށްފައި ހުރި ފެންމާގަނޑާ ދިމާލަށް ބިންމަތީގައި ހަދާފައި ހުރި ވަޅުގަނޑެކެވެ. ހަރުގަނޑަކުން އެތެރެއަށް ފޭބޭ ގޮތަށް ހަދާފައިހުރި މި ވަޅުގަނޑަކީ ބިންގަރާހަކަށް ފޭބުމަށް ކޮނެފައިވާ 33 ފޫޓްގެ ހޮރެކެވެ.

ފިލްމުތަކުގައި ފެންނަ ގޮތަށް ގުޒްމަން ޖަލުގައި އިނދެ އަމިއްލަ އަށް ކޮނުނު ވަޅުގަނޑެއް ނޫނެވެ. ބެލެވޭ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން އޭނާ އެކަމަށް ހާއްސަކޮށްފައިވާ ޓީމަކުން އޭނާގެ ޖަލު ގޮޅިއަށް ގާއިމުކޮށްފައިވާ ބިންގަރާސް މަގެކެވެ.

ގުޒްމަންގެ ގޮޅިން 33 ފޫޓް ބިމުއަޑިއަށް ފޭބުމަށް ފަހު ދެން އޮތީ އެއް މޭލުގެ ބިންގަރާސް މަގެކެވެ. މިއީ ނިކަން ރަނގަޅަށް ވެންޓިލޭޝަން ވެސް ގާއިމުކޮށް ބޮކިލައި އަލި ވެސް ކޮށްފައި އޮތް ބިންގަރާސް މަގެކެވެ. މީގެ އިތުރުން ސައިކަލަކާ އެކު ގާއިމުކޮށްފައިވާ ރޭލުގެ ނިޒާމެއް ވެސް ބިންގަރާސް ތެރެއިން ފެނިފައިވެ އެވެ.

ސައިކަލަކާ އެކު ގާއިމުކޮށްފައިވާ މި ނިޒާމަކީ ބިންގަރާސް ކޮނެމުން ދިޔައިރު އެތަނުން ވެލި ބޭރުކުރުމަށް ފަސޭހައަކަށް ހަދާފައިވާ ނިޒާމެއް ކަމަށް ބެލެވެ އެވެ.

ގުޒްމަންގެ މި އެއް މޭލުގެ ބިންގަރާހުން ގޮސް ނުކުމެވެނީ މެކްސިކޯ ސްޓޭޓްގެ މެދުތެރޭގައި އިމާރާތްކުރަމުން ދިޔަ ގެއަކަށެވެ. ޖަލުން ފިލައިގެން ގޮސް އެ ގޭ ތެރޭގައި ގުޒްމަން އޭނާގެ ހެދުން ބަދަލުކޮށް ފޯނު ފަދަ ތަކެތި ޗާޖުކުރި ކަމުގެ ހެކި އެ އިމާރާތުން ފެންނަން އެބަހުއްޓެވެ.

ނަމަވެސް ދެން އޭނާ އަށް ވީ ގޮތެއް އެނގޭ މީހަކު ނެތެވެ.

ބައެއް މީހުން ބުނަނީ ގުޒްމަން ދެން ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ. މިފަހުން އޭނާ ޖަލަށް ލީ ގާތްގަނޑަކަށް 13 އަހަރު ވަންދެން މެކްސިކޯގެ ސަލާމަތީ ބާރުތަކުން ހިންގި ހަރަކާތެއްގައި އަތުލައިގަތުމަށް ފަހު މީގެ 17 މަސް ދުވަސް ކުރިންނެވެ. ބެލެވޭ ގޮތުގައި އޭނާ ސަލާމަތްކުރުމަށް ބިންގަރާސް ކޮނުމުގެ މަސައްކަތް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

މިފަދަ ބިންގަރާސްތަކަކީ މެކްސިކޯގެ ޑްރަގް ކާޓެލްތައް ހިންގާ މީހުންނަށް އާ ތަންތަނެއް ނޫނެވެ. މެކްސިކޯ އިން އެމެރިކާ އަށް މަސްތުވާތަކެތި އެތެރެކުރުމަށް މި ދެ ގައުމުގެ ސަރަހައްދީ އިމުގައި މިފަދަ އެތައް ބިންގަރާހެއް ގާއިމުކޮށްފައި ވަނިކޮށް ކުރިން ފެނިފައި އެބަހުއްޓެވެ.

ރަސްމީ ފަރާތްތަކުން ބުނަނީ ޖަލުން ފިލުމަށް ކޮނުވި ބިންގަރާސް މަގުގެ މަސައްކަތަށް ގުޒްމަން އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްފައިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ގުޒްމަން އަކީ ބިލިއަނަރެކެވެ. އޭނާގެ މަސްތުވާތަކެތީގެ ވިޔަފާރި ދެ ބިލިއަން ޑޮލަރަށް އަރަ އެވެ. އެހެންވީމަ އެ ފެންވަރުގެ މީހަކު ޖަލުން ފިލަން އެހީނުވާނީ ވެސް ކާކު ހެއްޔެވެ؟