މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ އިސް މަގާމުތަކެއް އުވާލައިފި

May 20, 2019
1

ކުންފުނީގެ އޮނިގަނޑަށް ބަދަލު ގެނެސް، އެމްޕީއެލްގެ ޑިވިޝަން ހެޑް ލެވެލްގެ މަގާމުތައް އުފާލައިފި އެވެ.

އެމްޕީއެލް މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނީގެ ބޯޑުގެ ނިންމުމަކާއެކު އުވާލި ޑިވިޝަން ހެޑް ލެވަލްގެ މަގާމުތަކުގައި ތިބި ބޭފުޅުން ވަޒީފާ އިން ވަކިކޮށްފައިވަނީ ވަޒީފާގެ ގާނޫނާ އެއްގޮތަށް ބަދަލު ދިނުމަށް ފަހު ކަމަށެވެ.

"މި ބަދަލު ގެނެސް ބައެއް ޑިވިޝަންތަކުގައި ތިބި މުވައްޒަފުން އެހެން މަގާމު ތަކަށް ބަދަލު ވެސް ކޮށްފައިވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޕީއެލްގެ އޮނިގަނޑަކަށް ގެނައި މި ބަދަލާއެކު އުވިގެން ގޮސްފައިވަނީ ފަސް ޑިވިޝަން އެކެވެ. މީގެ ތެެރޭގައި ހިމެނެނީ އޮޕަރޭޝަން ޑިވިޝަން ހެޑުގެ މަގާމާއި ކޯޕަރޭޓް ސާވިސްގެ ޑިވިޝަން ހެޑް އަދި ސެކިއުރިޓީ ޑިވިޝަން އެވެ.

އޮފިޝަލް ވިދާޅުވީ މީގެ އިތުރުން ކުރިން އެއްކޮށް ކުރި ބައެއް ޑިޕާޓްމަންޓުތައް ވަކިކޮށްލައި އާ ޑިޕާޓްމަންޓް ތަކެއް އުފެއްދުން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އަލަށް ދެ ޑިޕާޓްމަންޓެއް އުފައްދާފައި ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމްޕީއެލްއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މުވައްޒަފުން ގިނަ އެއް ކުންފުންޏެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 2000 އަށްވުރެ ގިނަ އެވެ.