ވިޔަފާރި

ލެކްޓޯޖެން އެތެރެ ކުރުން މަނާ ނުކަރުން : ކަސްޓަމްސް

ކުޑަކުދިންނަށް ދޭ، އިންފެންޓް ފޯމިއުލާއެއް ކަމަށްވާ "ލެކްޓޯޖެން" އެތެރެކުރުން ހިފަހައްޓާފައިނުވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ ލެކްޓޯޖެން އެތެރެކުރުން ހިފަހައްޓާފައިވާ މައްސަލައިގެ ޝަކުވާ ލިބުމުން އެ މުދަލުގެ ސާމްޕަލް ކަސްޓަމްސްއިން ބެލިބެލުމުގައި މުދަލުގައި ލޭބަލް ހަރުކޮށްފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަޑާއި އެއްގޮތަށްކަމަށެވެ.

ކަސްޓަމްސް އިން ބުނީ "ލެކްޓޯޖަން" ގެ ބާވަތްތައް މައިގަނޑުގޮތެއްގައި އިމްޕޯޓްކުރަނީ ފުޅާ ދާއިރާއެއްގައި ދިވެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރާ އެއް ކުންފުންޏަކުން ކަމަށެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން މި ތަކެތި އެހެން އެއްވެސް ފަރާތަކުން އިމްޕޯޓް ކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް "ލެކްޓޯޖެން" ރާއްޖެ އެތެރެކުރާ ސޯލް އެޖެންޓް އެމްއެޗްއޭ އިން މި މަހު ނެރުނު ބަޔާނެއްގައި ބުނީ، ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށްދޭ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާ ހިލާފު ކަންތައް ތަކެއް ހުރިކަމަށްބުނެ، އެ އުފެއްދުން ރާއްޖެ އެތެރެކުރުމަށް ހުއްދަދެވެން ނެތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާ އިން ނިންމަވާފައިވާތީ، އެ ކުންފުންޏަށް ލެކްޓޯޖެން ރާއްޖެ އެތެރެނުކުރެވޭތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ލެކްޓޯޖެން ސްޓޭޖް 2 އަދި 3 މި ކުންފުނިންވަނީ އެއްކޮށް ހުސްވެފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.