ވިޔަފާރި

އެމްޓީޑީސީގެ ހިއްސާދާރުންނަށް ފައިދާ ބެހުމުގެ އުންމީދު އާވެއްޖެ

ޓޫރިޒަމް ވިޔަފާރިއަށް އުފެދި، ކުންފުނި މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ހިއްސާދާރުންނަށް ފައިދާ ބެހުމުގެ އުންމީދު އާވެފައިވާ ކަމަށް އާ ޗެއާމަން އަބްދުﷲ ފާއިޒު ވިދާޅުވެއްޖެ އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް އާއްމު ކުރުމުގެ ގޮތުން ދެއްވާފައިވާ ބަޔާނުގައި ޗެއާމަން ފާއިޒު ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޖުމްލަ އާމްދަނީގެ 34 ޕަސެންޓް ފައިދާގެ ގޮތުގައި ދައްކައި ގެއްލުމުގެ ރިޒާވް ދަށް ކުރެވިފައިވާ ކަމަށާއި ކުންފުނީގެ ކުރިމަގަށް އިންވެސްޓް ކުރެވޭނެ ފަދަ ދަރަޖައަކަށް އަރާފައިވާ ކަމަށެވެ

"ދިގު މުއްދަތުގެ ދަރަނި ވަނީ ދައްކާ ހަލާސް ކުރެވިފަ އެވެ. އަދި ކުރުމުއްދަތުގެ ދަރަނި އުޅެނީ ހިއްސާދާރުންގެ ރައުސުލްމާލުގެ 63 ޕަސެންޓުގަ އެވެ. ކުންފުނީގެ ކޭޝް ފްލޯ މިގޮތަށް ދާނަމަ އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުސްތަގުބަލެއްގައި މި ދަރަނި ވެސް ހަލާސް ކުރެވޭނެ އެވެ،" ޗެއާމަން ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މިވަގުތަށް އޮތް އެންމެ މުހިންމު ކަމަކީ، ކުންފުނީގެ ކުރިމަގު ބައްޓަންކޮށް، ހިންގުން ހަރުދަނާކޮށް، ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ހޯދޭނެ ގޮތްތަކެއް ހޯދުމެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ތަޖުރިބާއަށް ބަލައި މިހާރު އެ ކުންފުނީގެ ވިސްނުމަކީ ރިއަލް އެސްޓޭޓް މޮޑެލްގައި ރިސޯޓް ހެދުމެވެ.

"ކުންފުނީގެ މިސްރާބު ހުރީ ކުންފުނި މި ދާއިރާއިން ކުރިއެރުވުން ކަމުގައި އެންމެހައި ހިއްސާދާރުންނަށް ދަންވަމެވެ،" ފާއިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން އެންމެ އިސްކަމެއް ދޭނީ ހދ. ނާގޯށީގެ މައްސަލައަށް ހައްލު ހޯދުމާއި ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލާއެކު ރިސޯޓުތަކުން ނުލިބި ހުރި ކުލި ހޯދުމެވެ. އަދި މިކަން ހާސިލް ކުރެއްވިއްޖެނަމަ މި އަހަރު ކުންފުނީގެ ފައިދާ އިތުރުވާނެ އެވެ. އެހެންކަމުން ހިއްސާދާރުންނަށް ފައިދާ ބެހުމުގެ އުންމީދު މިހާރު އާވެފައިވާ ކަމަށް ވެސް ޗެއާމަން ވިދާޅުވެފައިވެ އެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި އެ ކުންފުންޏަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.5 މިލިއަން ޑޮލަރެވެ. އަދި ސާފު ފައިދާގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.