ދުނިޔެ

ޔަމަނަށް ކާބޯތަކެތި ފޯރުކޮށްދިނުން މެދުކަނޑާލަން ޖެހިދާނެ: އދ.

May 21, 2019

ސަނާ (މެއި 21) - ޔަމަނުގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ތެރެއިން ހާލުގައި ޖެހިފައިތިބި އެތަކެއް ހާސް މީހުންނަށް ފޯރުކޮށްދެމުންދާ ކާބޯތަކެތީގެ އެހީ މެދުކަނޑާލަންޖެހިދާނެކަމަށް އދ. ގެ ކަމާބެހޭ އިދާރާއިން ބުނެފި އެވެ.

އދ. ގެ ދަށުން ހިންގާ ވާލްޑް ފުށް ޕްރޮގްރާމުން ބުނީ، ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރަމުންދާ ހޫސީންގެ ހަނގުރަމާވެރި ޖަމާއަތްތަކުގެ އަތްދަށުގައިވާ ބައެއް ސަރަހައްދުތަކުގައި އެ ޖަމިއްޔާއަށް ބޮޑެތި ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އަދި ކާބޯތަކެތި ކޮންމެހެން ބޭނުންވެފައިތިބި މީހުންނަށް ފޯރުކޮށްދެމުންދާ އެހީ ހޫސީންގެ ލީޑަރުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށްވެސް އދ. އިން ވަނީ ތުހުމަތުކޮށްފަ އެވެ.

"ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވާން އުޅޭ މީހުންނަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިކުރަމުން. އަދި އެހީ ހިފައިގެންދާ ވެހިކަލްތަކަށް ހުރަސްއަޅައި، ކާބޯތަކެތި ބެހުމުގައިވެސް ނުފޫޒުތައް ދަނީ ފޯރުވަމުން،" އެ ޖަމިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޔަމަނުގައި ކުރަމުންދާ ހަނގުރާމަ ފެށުނީ، 2015 ވަނަ އަހަރު، އެ ގައުމުގެ ހުޅަނގުގެ ބޮޑު ބައެއް ހޫސީންގެ އަތްދަށަށް ދިއުމާއި ގުޅިގެންނެވެ. އެ ހަމަނުޖެހުންތަކުގައި، ޔަމަނުގެ ރައީސް އަބްޑްރާބު މަންސޫރު ހާދީ ވަނީ ގައުމު ދޫކޮށް ވަޑައިގަންނަވަން މަޖުބޫރުވެފަ އެވެ.

އިރާނުން އެހީވެދޭ ހޫސީންނާއި ދެކޮޅަށް ސައުދީ، ޔޫއޭއީ އާއި އަރަބި ހަތް ގައުމަކުން ވަނީ ޔަމަނުގެ ސަރުކާރަށް އަލުން އިޔާދަ ކުރުމަށް މަސައްކަތް ފަށާފަ އެވެ.

ކުރިން ވެސް އަރަބި ދުނިޔޭގެ އެންމެ ފަގީރު ގައުމުގެ ގޮތުގައި އޮތް ޔަމަނުގައި ހަނގުރާމަ ހިނގާތާ ހަތަރު އަހަރު ވީ އިރު، 24 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. މިހާރުވެސް އދ. އިން ޔަމަނުގައި ބަނޑަށް ޖެހިފައިތިބި ގާތްގަނޑަކަށް 10 މިލިއަން މީހުންނަށް ދަނީ ކާބޯތަކެތި ފޯރުކޮށް ދެމުންނެވެ.

ހަނގުރާމައިގެ ތެރެއިން ޖެނުއަރީ 2016 އިން ފެށިގެން މިދިއަ މަހާ ހަމައަށް 70،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ދާދި ފަހުން އަމިއްލަ ޖަމާއަތަކުން ނެރުނު ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.