ދުނިޔެ

ތާޖު މަހަލް ކައިރީގައި ދެ ލޯބިވެރިން އަމިއްލަ އަށް މަރުވާން އުޅެފި

Jul 17, 2015

ދުނިޔޭގެ އެއް އަޖާއިބު ކަމަށްވާ އިންޑިއާގެ ތާޖު މަހަލްގެ ގޯތިތެރޭގައި ޅަފުރައިގެ ދެ ލޯބިވެރިން އަމިއްލަ އަށް މަރުވާން މަސައްކަތްކޮށްފި އެވެ.

ތާޖު މަހަލް ހުންނަ އާގަރާ ސްޓޭޓުގެ ފުލުހުންގެ ނައިބު އަސީމް ޗައުދަރީ އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މުސްލިމް ފިރިހެން ކުއްޖަކާ ހިންދީ ދީނުގެ އަންހެން ކުއްޖަކު އިއްޔެ ވަނީ ތާޖު މަހަލްގެ ގޯތިތެރޭގައި އަމިއްލަ ކަރުގައި ވަޅި އަޅާފަ އެވެ. ކައިރީގައި ތިބި މީހުންނަށް އެ ދެ ކުދިން ފެނުނީ ލޭގެ ކޯރެއްގެ ތެރޭގައި ވެއްޓިފައި ތިއްބާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ އަންހެން ކުއްޖާ ކަރުގައި ވަޅި އެޅީ. ދެން ފިރިހެން ކުއްޖާ އެކަން ކުރީ. އެކަމަކު އެ ދެ ކުދިންގެ ހާލު ވެސް މިހާރު އާދައިގެ ގޮތެއް. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ،" ޗައުދަރީ ވިދާޅުވި އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އެ ކުދިން އަމިއްލަ އަށް މަރުވާން އުޅުނީ އެ މީހުން ކައިވެނި ކުރަން އާއިލާ އިން ހުއްދަ ދޭތޯ އެތައް މަސައްކަތެއް ކުރުމުން ވެސް އެ ހުއްދަ ނުދިނުމުން ކަމަށެވެ. އެއީ، އެ ނޫހުން ބުނި ގޮތުގައި، ދެ ދީނުގެ ދެ މީހުން ކަމަށްވާތީ އެވެ.

އިންޑިއާގައި އެއް ދީނެއްގެ މީހަކު އަނެއް ދީނެއްގެ މީހަކާ ކައިވެނި ކުރުމަކީ އާއްމު ކަމެއް ނޫނެވެ. އެ ގޮތަށް އާއިލާގެ ނުރުހުމުގައި ކައިވެނިކުރާ އަންހެން ކުދިން ދިރިތިއްބާ އަންދާލުން ފަދަ ކަންކަން އެ ގައުމުގައި އާއްމުކޮށް ހިނގަ އެވެ.