ތިމާވެށި

ދުޅަހެޔޮ ދިރިއުޅުމަކަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަންޖެހޭ: މިިނިސްޓަރު

ފުދުންތެރި، ދުޅަހެޔޮ ދިރިއުޅުމެއް ހާސިލުކުރުމަށްޓަކައި ރާއްޖޭގެ ގުދުރަތީ ވެށްޓާއި ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހުސެއިން ރަޝީދު މިހެން ވިދާޅުވީ ދުނިޔޭގެ ދިރޭތަކެތީގެ ދުވަހާ ގުޅިގެން ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއެކު މިނިސްޓްރީގައި އިއްޔެ ބޭއްވި ރޯދަ ވީއްލުމަށްފަހު ދެއްކެވި ވާހަކަފުޅުގަ އެވެ.

ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރަން ޖެހޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރު ވިދާޅުވިއިރު، އަލަށް ތަރައްގީކުރާ ރިސޯޓުތަކަށް އެހެން ރަށްރަށުން ރުށްގަސް ގެންދާ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. އެކަމާ ގުޅިގެން ރުށްގަސް ގެންދިއުމުގެ ގަވާއިދުތައް އިސްލާހުކުރުމާ ގުޅޭ ގޮތުން ފޯރަމެއް ވެސް ވަނީ ބާއްވާފަ އެވެ. އަދި ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގުމުގައި ތިމާވެއްޓަށް ލިބޭ ގެއްލުން ނުބަލާ ކަމަށް ބުނެ ކުރީގެ ސަރުކާރުގެ ބައެއް މަޝްރޫއުތަކަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

އެ ރަސްމިއްޔާތުުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިރޭތަކެތީގެ ނަސްލުތަކާއި އެ ތަކެތި ދިރިއުޅޭ މާހައުލު ރައްކާތެރިނުކޮށް ގައުމަށް ފެންވަރު ރަނގަޅު ކާނާގެ ބާވަތްތަކެއް ނުލިބޭނެ ކަމަށެވެ. އެގޮތުން، ފެންވަރު ރަނގަޅު ކާނާގެ ބާވަތްތައް ނުލިބި ފުރިހަމަ ސިއްހަތެއް ނުލިބޭނެ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖެއަށް ބަލާއިރު ރާއްޖޭއަކީ ކަނޑުފަޅުތަކުގެ ދިރުންތަކުގެ މައްޗަށް ފާހަގަކޮށްލެވޭ ގައުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ފަރުތަކުގެ ނިޒާމަކީ، ރާއްޖޭގެ ރަށްތައް ގުދުރަތީ އެކިއެކި ކާރިސާތަކުން ހިމާޔަތްކޮށްދިނުމުގައި އެންމެ ބޮޑަށް އެހީވާ ދިފާއީ ނިޒާމު ކަމަށެވެ. ދިވެހިން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގައި ވެސް ފަރުތަކުގެ ނިޒާމު ބޮޑު ދައުރެއް އަދާކުރާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިގުތިސާދުގެ މުހިންމު ދެ ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ބިނާވެފައި ވަނީ އަޅުގަނޑުމެންނަށް ލިބިފައިވާ މިދެންނެވި ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަބަބުތަކަށްޓަކައި ކަނޑުފަޅުގެ ދިރުންތަކުގެ ވަސީލަތްތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަކީ މި ޖީލުގު ޒިންމާއެއް ކަމަށާއި މި ޖީލަށާއި އަންނަން އޮތް ޖީލަށް ދުޅަހެޔޮ ސިއްހަތެއް ކަށަވަރު ކުރުމަކީ ކުރަން ޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދަނޑުވެރިކަމަށް ބޭނުންކުރާ ބިމާއި ފެން ރައްކާތެރި ކުރުމާއި، ބޯފެން ތަޣައްޔަރުވުން ހުއްޓުވުމާއި، އަޅުގަނޑުމެން އުފައްދާ އަދި ބޭނުންކުރާ ކާނާއަކީ ސިއްހަތައް ފައިދާ ހުރި، ގެއްލުންދޭ މާއްދާތަކާ ދުރު ކާނާ ކަމުގައި ހެދުމަކީ އަޅުގަނޑުމެންގެ އަމާޒު،" ހުސެއިން ރަޝީދު އިތުރަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކެއުމުގައި މަދު ބާވަތްތަކަކަށް ބަރޯސާވުމުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް އިތުރުކޮށް، ސަގާފީ ގޮތުން ގެންގުޅުނު ކާބޯތަކެއްޗާ އެ ތަކެތި ހޯދުމަށް ގެންގުޅުނު ރަނގަޅު އާދަތައް އިތުރު ކުރަންޖެހޭ ކަމަށެވެ.