މިނިސްޓްރީ އޮފް ޓޫރިޒަމް

ލައިސަންސް ބާތިލްކުރި ރިސޯޓުތަކަށް އަލުން ލައިސަންސް

ޓޫރިޒަމް ގާނޫނުގައި ބަޔާންކޮށްފައިވާ ގާނޫނުތަކާއި އެއްގޮތަށް އޮޕަރޭޓް ނުކުރުމުން، ލައިސަންސް ހިފަހައްޓައިފައިވާ ރިސޯޓް ތަކުގެ ލައިސަންސް އަލުން ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޝަރުތުތަކެއް ކަނޑައެޅިފައިވާ އެއްބަސްވުންތަކެއްގައި ލައިސަންސަ ހިފެހެއްޓި ރިސޯޓުތަކުން ސޮއިކުރުމުން އަލުން ރިސޯޓް އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ވާ ގޮތުން ހުއްދަ ބާތިލް ކުރުމަށްފަހު އަލުން ހުއްދަ ދިން ރިސޯޓުތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ވަކި މުއްދަތެއްގެ ތެރޭގައި ދެއްކައި މުުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހައްލު ކުރުން ޖެހޭނެ އެވެ.

ދިވެހި އަދި ބިދޭސީ މުވައްޒިފުން މަސައްކަތް ކުރާނެ އަދަދު މިނިސްޓްރީން ކަނޑައަޅައިފައިވާ މިނުގައި ބެހެއްޓުމަށް އެއްބަސް ވުމުގައި ވަނީ ޝަރުތުކޮށްފަ އެވެ. މީގެ އިތުރުން ރިސޯޓުތަކުގެ ސަލާމަތީ ރައްކާތެރިކަމާއި ގުޅުން ހުރި ކަންތައްތައް އިސްލާހު ކުރުމަށް ވެސް އެއްބަސްވުމުގައި ޝަރުތުކޮށްފަ އެވެ.

ލައިސަންސް ބާތިލް ކުރި ރިސޯޓުތަކަށް އަލުން ލައިސަންސް ދީފައިވާކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައި ވީ ނަމަވެސް އެއީ ކޮން ރިސޯޓުތަކެއް ކަމެއް އަދި ކިތައް ރިސޯޓު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.