ދުނިޔެ

އަސަރުގަދަ ބަޔާނަކާއެކު މޭ އިސްތިއުފާ އިއުލާންކޮށްފި

May 24, 2019

އަސަރުގަދަ ބަޔަނަކާއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރެސާ މޭ، އަންނަ މަހުގެ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފި އެވެ.

މިއަދު އެކަމަނާ ދެއްވި ބަޔާނުގައި ފާހަގަ ކުރެއްވި ގޮތުގައި އިސްތިއުފާ ދެއްވަން ނިންމެވި ސަބަބަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވާން ނިންމުމާ ގުޅިގެން އެ ގައުމަށް ދިމާވެފައިވާ މައްސަލަތަކުން ގައުމު ސަލާމަތް ކުރުމުގައި ނާކާމިޔާބުވެފައިވާތީ އެވެ.

އެހެންވެ އިނގިރޭސިވިލާތަށް މި ވަގުތު އެންމެ ރަނގަޅު ވާނީ ގައުމުގެ މަސްލަހަތު އިސްކުރައްވާނެ އާ ބޮޑު ވަޒީރަކު ވަޑައިގެންނެވުން ކަމަށް މޭ ވިދާޅުވި އެވެ.

ނާކާމިޔާބީތަކުގެ ވާހަކަ ބަޔާނުގައި ދައްކަވަމުން ގެންދެވިއިރު މޭ ވަނީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާފަ އެވެ.

މޭ ވިދާޅުވީ ކޮންޒަވެޓިވް ޕާޓީއަށް ބްރެކްސިޓް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އޭނާ ހިތާމަ ކުރައްވަނީ އޭނާގެ ލީޑަރު ކަމުގެ އެކަން ހާސިލް ނުވެވުމުން ކަމަށެވެ. ބްރެކްސިޓް މައްސަލާގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ރުހޭ ގޮތެއް ހޯދައިނުދެވުންކަން ހިތާމައަކާއެކު ފާހަގަ ކުރެއްވި އެވެ.

މޭ ބޮޑު ވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އެއީ އޭރުގެ ބޮޑު ވަޒީރު ވިޑް ކެމަރަން އިސްތިއުފާ ދެއްވުމުންނެވެ. ކެމަރަން އިސްތިއުފާ ދެއްވީ އީޔޫއިން އިނގިރޭސިވިލާތް ވަކިވާން ނިންމުނުންނެވެ.

އެ ގައުމުގެ ދެވަނަ އަންހެން ބޮޑު ވަޒީރު މޭ، އިސްތިއުފާ ދެއްވަން ނިންމެވިއިރު އެކަމަނާ ވަނީ ބްރެކްސިޓް މައްސަލާގައި ގާނޫނު ހަދާ މަޖިލީހަށް ދެ ފަހަރެއްގެ މަތިން އެއްބަސްވުމެއް ހުށަހެޅުއްވި އެވެ. ނަމަވެސް ދެ ފަހަރު ވެސްވީ ނާކާމިޔާބެވެ.