ހަބަރު

ހުޅުމާލެ ބަހުން ދަތުރުކުރާ މީހުންގެ އަދަދު ލައްކައިން މައްޗަަށް!

ސިނަމާލެ ބްރިޖުން ހުޅުމާލެއަށް ބަހުގައި ދަތުރުކުރާ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފިި އެވެ.

މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ އިން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު މަހު ބަހުގެ ހިދުމަތް ބޭނުންކޮށްފައިވަނީ 57,630 މީހުންނެވެ. އަދި އޮކްޓޫބަރު މަހު މި އަދަދު 95,480 އަށް އިތުރުވުމަށްފަހު ނޮވެމްބަރު މަހު ވަނީ 122,897 އަށް އިތުރުވެފަ އެވެ. އަދި ޑިސެމްބަރު މަހު މި އަދަދު 182,258 އަށް އިތުރު ވެގެންގޮސްފައިވެ އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފައިވާ ގޮތުގައި ބަހުގެ ހިދުމަތް ބޭނުންކޮށްގެން މާލެއިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރު ކުރާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ފުރަތަމަ މި ހިދުމަތް ފެށިއިރު 5,422 މީހުން ދަތުރުކުރިނަމަވެސް މިދިޔަ އަހަރު ނިމުމުއިރު މި ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދު ވަނީ 11,252 އަށް އިތުރުވެފަ އެވެ.

ސިނަމާލެ ބްރިޖު އޮގަސްޓް މަހު ހުޅުވުމަށް ފަހު ބަހުގެ ހިދުމަތް ފަށާފައިވަނީ ސެޕްޓެމްބަރު މަހު އެވެ. އެމްޕީއެލް އިން ދޭ މި ހިދުމަތް ފުރަތަމަ ފެށީ ހިލޭ ހިދުމަތެއްގެ ގޮތުގަ އެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދޭން މިހާރު ފީއެއް ނަގަ އެވެ. ފީއެއްގެ ގޮތުގައި ނަގަނީ ދަތުރަކަށް 10ރ. އެވެ.