ދުނިޔެ

އިނގިރޭސި ބޮޑުވަޒީރުކަމަށް ޝައުގުވެރިކަން ފާޅުކުރަން ފަށައިފި

ލަންޑަން (މެއި 25) - އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭ، އަންނަ މަހުގެ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާއެކު، ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ޕާޓީގެ ތެރެއިން އިސް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރަން ފަށައިފި އެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެގެންދާނީ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަށެވެ. އާ ލީޑަރެއް ހޮވުމުގެ މަރުހަލާ އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ. އިއްޔެ އިސްތިއުފާ އިއުލާނު ކުރެއްވި މެއި ވިދާޅުވެފައިވަނީ، އާ ޕާޓީ ލީޑަރުގެ ހޮވުމުގެ މަސައްކަތް ނިމެންދެން ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ.

ކޮންޒަވޭޓިވް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ހަތަރު ބޭފުޅަކު މިހާރު ވެސް ރަސްމީކޮށް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. ނަމަވެސް، ޕާޓީގެ އިތުރު މެމްބަރުން ވެސް އެ ރޭހުގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. ޕާޓީ ލީޑަރުކަމަށް ވަޑައިގެންނެވުމުގެ ފުރުސަތު އެންމެ ބޮޑީ، ކުރީގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

އިއްޔެ އިސްތިއުފާ އިއުލާނު ކުރައްވަމުން މެއި ވިދާޅުވީ، އެ ނިންމެވުމުގެ ސަބަބަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވާން ނިންމުމާ ގުޅިގެން އެ ގައުމަށް ދިމާވެފައިވާ މައްސަލަތަކުން ގައުމު ސަލާމަތް ކުރުމުގައި ނާކާމިޔާބުވެފައިވާތީ އެވެ.

އެހެންވެ އިނގިރޭސިވިލާތަށް މި ވަގުތު އެންމެ ރަނގަޅު ވާނީ ގައުމުގެ މަސްލަހަތު އިސްކުރައްވާނެ އާ ބޮޑު ވަޒީރަކު ވަޑައިގެންނެވުން ކަމަށް މޭ ވިދާޅުވި އެވެ.

ނާކާމިޔާބީތަކުގެ ވާހަކަ ބަޔާނުގައި ދައްކަވަމުން ގެންދެވިއިރު މޭ ވަނީ ވަރަށް ބޮޑަށް ހިތާމަ ކުރައްވާފަ އެވެ.

މޭ ވިދާޅުވީ ކޮންޒަވެޓިވް ޕާޓީއަށް ބްރެކްސިޓް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އޭނާ ހިތާމަ ކުރައްވަނީ އޭނާގެ ލީޑަރު ކަމުގެ އެކަން ހާސިލް ނުވެވުމުން ކަމަށެވެ. ބްރެކްސިޓް މައްސަލާގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ރުހޭ ގޮތެއް ހޯދައިނުދެވުންކަން ހިތާމައަކާއެކު ފާހަގަ ކުރެއްވި އެވެ.

މޭ ބޮޑު ވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. އެއީ އޭރުގެ ބޮޑު ވަޒީރު ވިޑް ކެމަރަން އިސްތިއުފާ ދެއްވުމުންނެވެ. ކެމަރަން އިސްތިއުފާ ދެއްވީ އީޔޫއިން އިނގިރޭސިވިލާތް ވަކިވާން ނިންމުނުންނެވެ.

އެ ގައުމުގެ ދެވަނަ އަންހެން ބޮޑު ވަޒީރު މޭ، އިސްތިއުފާ ދެއްވަން ނިންމެވިއިރު އެކަމަނާ ވަނީ ބްރެކްސިޓް މައްސަލާގައި ގާނޫނު ހަދާ މަޖިލީހަށް ދެ ފަހަރެއްގެ މަތިން އެއްބަސްވުމެއް ހުށަހެޅުއްވި އެވެ. ނަމަވެސް ދެ ފަހަރު ވެސްވީ ނާކާމިޔާބެވެ.